ވިލިނގިލީގެ ޖަމްއިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ މަކައްލާ ޔޫތް ޑިވެލޮޕްމަންޓްން އިސްނަގައިގެން “ހޭލާ” މިނަމުގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހިނގާލުމެއް ބާއްވައިފިއެވެ. 21 މާރޗް 2008 ވީ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ވިލިނގިލީގެ ބޮޑެތި މަގުތަކުގައި ބޭއްވި މިހިނގާ ލުމުގައި މަކައްލާގެ އިތުރުން ރަށުގެ ވަރަށް ގިނަ ޒުވާނުން ބައިވެރި ވިއެވެ.  ހިނގާލުމުގައި ބައިވެރިވި ފަރާތަކުން މިބްލޮގަށް މައުލޫމާތު ދިން ގޮތުގައި މިހިނގާލުމަކީ “މަސްތުވާ ތަކެތީގެ ވަބާއިން މުޅި ދިވެހި ޤައުމު ސަލާމަތްކުރުމުގެ މަތިވެރި މަގުސަދުގައި ނޭޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވޭކަޕް (ހޭލާ) ގެ ނަމުގައި ފެށިގެން ކުރިޔަށްދާ ކެމްޕޭނަށް އެހީތެރިވެ އެ ކެމްޕޭން ގއ.ވިލިނގިލީގައި ކުރިޔަށް ގެންދިޔުމުގެ މަގުސަދުގައި  ސޮސައިޓީ ފޮރ މަކައްލާ ޔޫތު ޑިވެލޮޕްމަންޓް (ސްމައިޑް) ޖަމްޢިއްޔާގެ އިސްނެގުމުގެ މަތިން ވިލިނގިލީގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ވިލިނގިލީގައި ހަރާކާތްތެރިވާ ކްލަބު، ޖަމްޢިއްޔާ، ޖަމާޢަތްތަކަށް ރަސްމީގޮތުން ބައިވެރިވުމަށް ދަޢުވަތު ދެވިގެން މަސްތުވާ ތަކެއްޗާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ބޭއްވުނު ހިނގާލުމެއް”. އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ” މިހިނގާލުމުގައި މަސްތުވާތަކެތި ފެތުރިގެންދިޔަ ގޮތާއި، މަސްތުވަތަކެއްޗަކީ ކޮބައިކަމާއި، އޭގެ ގެއްލުންތަކާއި، އެއާއިގުޅިގެން ފެތުރޭ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ބަލިތަކާއި ބެހޭ ޢާއްމު މަޢުލޫމާތުގެ ތަޢާރަފެއް ދެވުނު އަދި ހިނގާލުމުގެ ތެރެއިން ޢާއްމު ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ހަދާފައިވާ ބޮޑުބެރު ލަވައެއްވެސް އަޑުއިއްވާލެވުނު” ގާތްގަޑަކަށް ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ މިހިނގާލުމުގައި މިހިނގައިލުމުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުންނާއި ޒުވާނުން އަދި ޢާއްމު ގިނަ ރައްްޔިތުން ބައިވެރި ވެފައި ވެއެވެ. 3050 މީހުންގެ އާބާދީއެއް އޮންމަ މިރަށަކީ ވެސް ރާއްޖޭގެ އެހެން ރަށްރަށެކޭ ވެސް އެއްފަދައިން މަސްތުވާ ތަކެތީގެ ވަބައިގެ އުދަގޫ ފޯރަމުންދާ ރަށެކެވެ. ކޮންމެ ގޮތެއްވިޔަށް ޒުވާނުންތަކެއް އިންތިޒާމްކޮށްގެން އެފަދަ ހިނގާލުމެއް ބޭއްވުމަކީ ޒުވާނުންގެ ތެރޭގައި އެކަމަށް ހޭލުންތެރިކަންވާ މިންވަރު ހާމަކޮށްދިން ކަމެކެވެ. އަޅުގަނޑު އުންމީދަކީ ސިއްހީ ދުޅަހެޔޮ މުޖުތަމައަކަށް ވިލިނގިލީ ހެދުމަށް ތިޔަ ފެއްޓެވި މަސައްކަތަށް ކާމިޔާބު ލިބުމެވެ.