ދަސްކުރާށޭ ބުންޏަކަށް ނުވާނެއެވެ
( މައުލޫމާތުު؛ ރަންނަމާރި – 29 ޖުލައި 2008 )
ގިނަ ޓީޗަރުން އަބަދުވެސް ދައްކާ ވާހަކައެކެވެ. ކުދިންނަށް ދަސްކުރަން ހަވާލުކުރާ ފިލާވަޅު ބައެއް ފަހަރު ދަސްނުކުރާ ކްލާހަށް އަންނަ ވާހަކައެވެ. ބައެއް ބެލެނެވެރިން ވެސް ތިމާގެ ދަރިފުޅު އެވަރަށް ކިޔަވާއިރު ވެސް އެކައްޗެއްވެސް ދަސްނުވާ ކަމަށް ބުނެއެވެ. މިއީ ކޮންމެ މުޖުތަމައެއްގައި ވެސް ހުންނާނެ ކަންތައްތަކެކެވެ.
އާނއެކެވެ. މިއީ ދިމާވެދާނެ ކަމެކެވެ. މިއީ އަކީ އަދި މައްސަލައެއް ނޫނެވެ. މިކަމުގައި ތަފާތު މައްސަލަތައް މެދުވެރިއަކަށް ވެއެވެ. މި ލިޔުމުގައި އެކިވައްތަރަށް ދަސްކުރާ ކުދިންނަށް އަލި އަޅުވައިލާނަމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފިލާވަޅު ދަސްކުރުމުގައި ތަފާތު 4 ވައްތަރެއްގެ ކުދިން އުޅެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޝުއަލް ލާރނާސް، ވާރބަލް ލާރނާސް، އޮޑިޓަރީ ލާރނާސް އަދި ކައިނެޓިކް ލާރނާސް ހިމެނެއެވެ.
- ވިޝުއަލް ލާރނާސް އަކީ އެކުދިންނަށް ބޭނުންވާ މައުލޫމާތުތައް ކުރެހުމުން، ފޮޓޯއިން، ޗާޓުން، ވީޑިއޯ ފަދަ ތަކެތިން ފަސޭހަ ކަމާއި އެކު ލިބިގަންނަ ކުދިންނެވެ. އެފަދަ ކުދިންނަށް ދަސްކުރަން ބޭނުންވާ އެއްޗެއްގެ މައިގަނޑު ބައިތައް ލިޔެގެން ދަސްކުރެއެވެ.
- ވާރބަލް ލާރނާސް އަކީ ކިޔާ އެއްޗަކުން ދޭހަ ލިބިގަންނަ ކުދިންނެވެ. މިފަދަ ކުދިން ދަސްކުރުމަށް ފިލާވަޅު ކިޔައި ހަދާނެއެވެ. މިއީ އެންމެ އާންމު ކަމަށް ބެލެވޭ ގޮތެވެ.
- އޮޑިޓަރީ ލާރނާސް އަކީ ކްލާސްތެރޭގައި ޓީޗަރު ކިޔައިދޭ އެއްޗެއް ވަގުތުން ސިކުނޑީގައި ރައްކާ ކުރާ ކުދިންނެވެ. މިފަދަ ކުދިން ގިނަ ވަގުތު ފިލާވަޅު ކިޔުމުގައި ހޭދަ ކުރުމުގެ ބަދަލުގައި ކްލާހުގައި ޓީޗަރު ކިޔައިދޭ އެއްޗަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެއެވެ.
- ކައިނެޓިކް ލާރނާސް އަކީ ކުރިން ދެންނެވުނު ކުދިންނާއި ހިލާފަށް ތަންކޮޅެއް ހަލަނިކޮށް އުޅެން ބޭނުންވާ ކުދިންނެވެ. މިފަދަ ކުދިން ފިލާވަޅާއި ގުޅޭ ރޯލް ޕްލޭތަކުންނާއި އެފަދަ ހަރަކާތްތަކުން ފިލާވަޅު ދަސްކުރެއެވެ.
ކުދިން ފިލާވަޅު ދަސްކުރަން އެކަށޭނެ ފަދަ މާހައުލެއް ބިނާ ކުރުމަކީ ފިލާވަޅުތައް ދަަސްކުރަން ފަސޭހައަކަށް ވެގެން ދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އެއްވަގުތެއްގައި ފިލާވަޅުތައް ދަސްކުރުމުގައި ހޭދަކުރުމުން ވަގުތަށް ކަމޭހިތުމަށް އާދަވާނެއެވެ. އަދި ދުވަހުގެ ތާވަލް ގައި ކިޔަވާ ގަޑިއާއި، ކުޅޭ ގަޑިޔާއި، ޓިވީ ބަލާ ގަޑިޔާއި، ހޯމް ވޯރކް ހަދާ ގަޑިތައް ވަކި ތަރުތީބަކުން ކުއްޖާއާއި މަޝްވަރާކޮށް ރާވައިލުމުން ކުއްޖާ ޒިންމާދާރު މީހަކަށް ވުމަށް މަގުފަހި ކޮށްދޭނެއެވެ. ހަމަ އެގޮތުން ނަމާދު ވަގުތަށް މިސްކިތައް އެކުގައި ގެންދިއުން ނުވަތަ ފޮނުވިދާނެއެވެ. އަދި ފޮނުވާ ކަމުގައި ވަނީ ނަމަ ހަދާ ނަހަދާ ބަލަން ޖެހޭނެއެވެ. މިއީ ކުއްޖާއަށް އިތުބާރު ނުކުރުމެއް ނޫނެވެ. އެކަމަކު އަބަދުވެސް އަޅާލާކަން ހާމަ ކުރުމެވެ.