ވިލިނގިލީ ބިމުން ޖަވާހިރު ކޯދުލާ އަރަނީ

( އަވަސް ހަބަރު؛ ދެރަހަ – 2 އޮގަސްޓް 2008 )

ބިން ހިއްކުމުގެ މަޝްރޫއު އާއި ގުޅިގެން ވަގުތީ – ދާއިމީކޮށް ހެދުނު ނަރުދަމާގެ ކަންތައް މިހާރު ކެތް ނުކުރެވޭހާ ހިސާބަށް ހިގައްޖެއެވެ. ރަށުގެ މަގު މަތީގައި ހަދާފައިވާ ޖަންކްޝަން ތަކުންނާއި މަގުގެ އެކި ދިމަދިމާއިން ނަޖިސް ފެން އަރަނީއެވެ. ފާހާނާ ތަށިންނާއި ފެން ހިންދާއިންނެވެ. މިކަމަކާއި ހެދި މަގުތަކުގައި ހިނގޭ ވަރެއް ނުވެއެވެ.

މިވާހަކަ ރަށުގެ ވެރިންގެ ސަމާލުކަމަށް ގެނައުމަށް މިސައިޓުން ވަނީ މީގެ ދުވަސް ކޮޅެއް ކުރިންވެސް ގޮވައިލާފައެވެ. ނަމަވެސް މިކަމަށް އެއްވެސް ހައްލެއް މަގެއް ނުފެނިގެން އުޅެނިކޮށް އިހަކަށް ދުވަހު ރައްޔިތުންެ ތެރެއިން ބަޔަކު ވަނީ އަތޮޅުވެރިޔާއާއި މިކަމާއި ބެހޭ ގޮތުން ބައްދަލުކޮށްފައެވެ. ޖެހިގެން އައި ދުވަހު ރަށު އޮފީހުގެ ބޭފުންނާއި އަތޮޅު އޮފީހުގެ ބައެއް ބޭފުޅުން ގެތަކުގެ ނަރުދަމާގެ ކަންތައް ވަނީ ބައްލަވާފައެވެ. އެހެނަސް އެކަމަށް ހައްލެއް ނުހޯދިގެން އުޅެނިކޮށް މިއަދު މިފެންނަނީ މަގުތަކުގެ އެކި ދިމަދިމާއިން ކޮނެ ޖަންކްޝަން ވަޅުތައް ސާފުކުރާތަނެވެ. ކޮނެފަ ހުރި ވަޅުގަނޑުތައް ގިނަކަމުން މަގުމަތީ ޖަހާ ބޯޑެއްވެސް ނުޖަހައި ކޮންނަމުން އެދަނީ އެހެން ގޮތެއް ނެތިގެންނެވެ. މިތަންތަނަކީ ރައްޔިތުން އަމިއްލައަށް ހަދައި ބޭނުންކުރަމުން އައި ތަންތަން ކަމުގައި ވިޔަސް މީގެ ކުރިން މިފަދަ މައްސަލަތަކެއް ދިމަލެއް ނުވެއެވެ. ފަސޭހަ ކަމާއި އެކީ ނަޖިސް ފެން ބޭރުކުރަމުން އައި ހޮޅި ތަކެކެވެ. ނަމަވެސް ފަހުން ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެއް ހޮޅިއަކުން ހުރިހާ ލައިނެއް ގުޅުވައިލުމުން މިކަންތައްގަނޑު ދިމާވާން ފެށީއެވެ. ބަލަންވީ ވަރު ނުބެލީމައެވެ.

ވިލިނގިލީގެ މަގުތަކަކީ މިހާރުވެސް އަޑިގުޑަން ގިނަ މަގުތަކަކަށް ވީހިނދު މިގޮތަށް އިރުއިރު ކޮޅާ ކޮންނަން ވެއްޖެ ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މިހާރު ހުރި ވަޅުގަނޑުތައް މަދީ ހެއްޔެވެ؟ މަގުމަތީ ޖަންކްޝަންތައް އިރުއިރު ކޮޅާ މަތި ނަގައި ސާފުކުރަން ވެއްޖެ ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މަގުތަކުގެ ހާލަތު އިތުރަށް ގޯސް ވުމުގެ އިތުރުށް ބަލި މަޑުކަށް ފެތުރުމަށް މަގުފަހިކޮށްދޭނެކަން ޔަގީނެވެ.

މިކަންތައްތައް އެއްކައިރި ކޮށްފައި ދަންނަވަން ޖެހޭނީ އެމެރިކަން ރެޑް ކްރޮސްގެ ފަރާތުން ވިލިނގިލީގައި ގާއިމުކޮށްދެއްވުމަށް ހަމަޖެހުނު ނަރުދަމާގެ ނިޒާމް ކޮބައި ބާވައެވެ؟ ވިލިނގިލީ ބޮޑު ކަތީބު އަބްދުލް މަޖީދު އެކަމަށް އެއްވެސް މަސައްކަތެއް ކުރައްވާތޯއެވެ؟ ގެންގުޅުއްވާ ކުޑަ ފޮތުގައި މިވާހަކަ ނުލިޔުއްވަނީ ހެއްޔެވެ؟ މިކަމާ މަސައްކަތް ކުރައްވާ ނަމަ މިހާރު މިކަމެއް ފެށޭހައި ދުވަސް ވެއްޖެ އެއް ނޫންހެއްޔެވެ؟ ދެން އޮތީ މަގު ހަދާ ޔުނިޓްގެ ވާހަކައެވެ. އެކަމަކީވެސް މިއަހަރު ޖެނުއަރީގައި ފެށްޓުމަށްޓަކައި އެކަމަށް ބޭނުންވާ ސާމާނު ގެނެވުނު ޕްރޮޖެކްޓެކެވެ. މިކަންވެސް މިހާރު ވީ ނުވީއެއް ނޭނގެއެވެ.

ސާބަހޭ އަބްދުލް މަޖީދު ތިޔަހެއް އަތޮޅު އޮފީހުގެ ޖަލްސާކުރާ މާލަމުގައި ފޮނި ވާހަކަތަކެއް މިއަދު ދައްކަވަން އިންނަވާއިރު މިއަދު އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު މިއޮތްގަދަ ހޫނުގައި މަގު މަތީގައި ޖަންކްޝަން ވަޅުގަނޑު ކޮންނަނީއެވެ. މިކަމާއި މެދަކަށް ނުވިސްނަވަމު ތޯއެވެ.