ރައީސް ނަޝީދުގެ ވިލިނގިލީ ދަތުރުފުޅު

( ޚުލާސާ ރިޕޯރޓް؛ އަލިބެ –  30 ޑިސެމްބަރ 2008 )

ދިވެހިރާއްޖޭގެ ހަތަރުވަނަ ރައީސް މުހައްމަދު ނަޝީދު، ރައީސް ކަމާއި ހަވާލުވެ ވަޑައިގެން އެކި އަތޮޅުތަކަށް ކުރައްވަން ފައްޓަވާފައިވާ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް މިއަދު ( 30 ޑިސެމްބަރ 2008 އަންގާރަ ދުވަހު ) 12:15 ގައި ވަޑައިގެންފައެވެ. ފިނިފެންމާ ލޯންޗު ކޮޅުގައި ވިލިގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވިލިނގިލީގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ވިލިނގިއްޔަށް ވަޑައިގެން އަތޮޅުގޭގައި މެންދުރުގެ ފަރިއްކޮޅާއި އެކު ބައްދަލުވުން ތަކެއް ބޭއްވިފައިވާ ކަމަށް ޚަބަރު ލިބިފައި ވެއެވެ.

މިއަދު މެންދުރު ފަހު 1:30 ގައި އިޖްތިމާއީ މަރުކަޒުގެ ހޯލުގައި ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ވިލިނގިލީގެ މަގުތަކަކީ މިހާރު އަޑިގުޑަން ގިނަ މަގުތަކަކަށް ވެފައި އެކަމަކަށް ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް ފައްޓްވައިދެއްވާނެ ކަމުގައެވެ. އެގޮތުން ވިލިނގިލީގެ މަގުތަކަކީ ތާރުއެޅިފައިވާ މަގުތަކަކަށް ހައްދަވާނެކަމުގައެވެ. އަދި ވިލިނގިލީގެ ނަރުދަމާގެ ކަންތައްވެސް ވީހާވެސް އަވަހަކަށް ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެމަސައްކަތުގެ ތެރޭގައި ގޭގެއަށް މީރުފެން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދަވަމުން ވިދާޅުވީ ނަރުދަމާއާއި، ކަރަންޓާއި، ގޭހާއި، މަގުހެދުމާއި، ބަނދަރުހެދުމާއި، ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ކުންފުންޏެއް އުފައްދަވާފައި ވާނެ ކަމަށާއި އެކުންފުނީތަކުގެ މައިއޮފީސްތައް ގާއިމުކުރެވޭނީ ވިލިނގިލީގައި ކަމުގައި ވިދާޅުވިއެވެ.

ތައުލީމާއި ސިއްހީ ދާއިރާ އިތުރަށް ކުރިއަރުވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި 2009 މާރޗު މަހުގެ ތެރޭގައި އޮސްޓްރޭލިޔާގެ 4 ޓީޗަރުން ވިލިނގިއްޔަށް ފޮނުއްވައިދެއްވާނެ ކަމަށެވެ. އަދި މީގެ އިތުރުން މިހާރު ސްނާމީއާއި ގުޅިގެން އިމާރާތްކުރާ ގެތަކުގެ އިތުރުން ކުރިޔަށް އޮތްތާނގައި ވިލިނގިލީގައި 1000 ފްލެޓް އިމާރާތްކޮށްދެއްވާނެ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ހުވަދު އަތޮޅުގެ ސިޔާސީ މަރުކަޒެއްގެ ގޮތުގައި ތަރައްގީ ކުރެވޭނީ ގދ. ތިނަދޫ ކަމަށާއި ހުވަދު އަތޮޅުގެ ވިޔަފާރި މަރުކަޒީ ރަށަކީ ގއ. ވިލިނގިލި ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގައި މިއަތޮޅުގެ ދެތަނެއްގައި ޑްރަގް ރެހިބިލިޓޭޝަން ސެންޓަރ ގާއިމުކުރައްވައި ދެއްވާނެ ކަމުުގައި ވިދާޅުވިއެވެ.

ވިލިނގިލީގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯރޓާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވި އެކަން ފެށޭނެ ދުވަހެއް ދަންނަވާކަށް ނޭނގޭ ކަމުގައެވެ. އެއިމް ކުންފުންޏާއި ސަރުކާރުން ހަވާލުކުރައްވާފައިވާ މަސައްކަތް ވަނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ކަމެވެ. އެކަން ކުރުމާއި ބެހޭ ގޮތުން ކުރީގެ ސަރުކާރުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް ކުރިން ދެކެވުނު ވާހަކައަކީ އެއްވެސް ތަރަހައެއްގެ މައްޗަށް ދެކެވިފައިވާ ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް މިސަރުކާރުން ވިލިނގިލީ އެއަރޕޯރޓާއި ގައްދޫ އެއަރޕޯރޓް އެޅުމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، ވިލިނގިލީގައި އެއަރޕޯރޓެއް ގާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ކަންތައް ގޮސްފައިވާ ގޮތުން މިކަން ފެށޭވަރުވާނީ ކޮންދުވަހަަކުން ކަމެއް ނޭނގެއެވެ.

އެއަރޕޯރޓް މަސައްކަތާއި ބެހޭ ގޮތުން ރައީސް ވާހަކަ ފުޅުގައި ވަކި ތާރީޚެއް ނުވަތަ ފެށޭވަރުވާނެ ދުވަހެއް އިޝާރަތްކޮށްފައި ނެތުމުން އެކަމާއި ބައްދަލުވުމަށް ހާޟިރު ފަރާތްތަކުން ޖަލްސާނިމި ނުރުހުން ފާޅުކުރުމުން، ޖަލްސާކުރާ ހޯލަށް އެންމެނާއި އެކީ ވަދެވަޑައިގެން އިތުރަށް އެކަމާއި ބެހޭ ގޮތުން މައުލޫމާތު ސާފުކޮށްދެއްވިއެވެ. ނަމަވެސް އިތުރު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަޅުއްވައި ދެއްވާނެ ކަމުގެ ޔަގީންކަން ނުދެއްވި ކަމުގައި ވިޔަސް މިސަރުކާރުން އެކަމާއި ދެކޮޅު ނަހައްދަވާކަމުގައި ވިދާޅުވިއެވެ.

ރައްޔިތުންނާއި ބައްދަލުކުރުމަށް އިޖުތިމާއި މަރުކަޒުގައި ބޭއްވުނު ބައްދަލުވުމަށްފަހު ގާތްގަޑަކަށް 3:15 ހާކަންހާއިރު ވިލިނގިލިން ފުރާވަޑައިގެންނެވިއެވެ. ރައީސް މުހައްމަދު ނަޝީދުގެ މިވައުދު ތަކަކީ ހަމައެކަނި އެހެން ދުލުން ވިދާޅުވާ އެއްޗަކަށް ނަހައްދަވައި، އެވައުދުތައް ފުއްދަވާނޭ ކަމުގައި ޔަގީންކުރަމެވެ.