މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އާތިކު
( ހަބަރު؛ އިދުރީސް -– 25 މާރޗް 2009 )
ގައުމީ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޒޯންތަކުގައި ބާއްވަމުން ގެންދާ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން ޒޯން 7 ގެ ފުޓްބޯޅަ މުބާރާތް 2009 ގެ ފައިނަލް މެޗުގައި ބައްދަލުކުރީ މިއުޒިކް އެޑިފިކޭޝަން އެންޑް ސްޕޯރޓްސް ކްލަބު ދާންދޫ އާއި ވިލިނގިލީ ޖަންގަލް ސްޕޯރޓްސް ކްލަބެވެ.
ޖަންގަލް ޓީމު ފައިނަލުން ޖާގަ ހޯދީ މުބާރާތުގައި ކުޅުނު 2 މެޗުންވެސް މޮޅުވެ 6 ޕޮއިންޓާއި އެކުގައެވެ. ދާންދޫ ޓީމު ފައިނަލުން ޖާގަ ހޯދީ މުބާރާތުގައި އެޓީމުން ކުޅުނު 2 މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗުން މޮޅުވެ 3 ޕޮއިންޓް ހޯދައިގެންނެވެ. މިމުބާރާތުގައި ބައިވެރިވި ތިނަދުއާ ސްޕޯޓްސް ކްލަބްގެ ޓީމު ކުޅުނު 2 މެޗުންވެސް ބަލިވެ ވަނީ މުބާރާތުން ކަޓައިފައެވެ.
މޮޅު ކުޅުމެއް ފެނިގެން ދިޔަ ފައިނަލުން މެޗުގެ ފުރަތަމަ ހާފު ވެގެނެން ދިޔައީ އެއްވެސް ޓީމަކަށް ސްކޯއެއް ނުކުރެވިއެވެ. ފޯރި ގަދަ ކުޅުމެއް ދެޓީމުންވެސް ދެއްކި މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފު ފެށުނު ތަނާހެން ޖަހައިފައި ވަނީ ޖަންގަލް ޓީމުގެ ޖާޒީ ނަންބަރު 3 ރައްގާއެވެ. މިހާފުގައި ވިލިނގިލީ ޓީމުގެ ދެކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވާއިރު ވިލިނގިލީ ޓީމަށް ދާންދޫ ގޯލު ފޫއަޅުވައިލަން ޕެނެލްޓީއެއް ވަނީ ލިބިފައެވެ. ނަމަވެސް އެޕެނެލްޓީ މުބާރާތުގެ އެންމެ މޮޅު ކީޕަރެއްގެ މަގާމް ހޯދި ކީޕަރ މަބޫ ވަނީ ދިފާއި ކޮށްފައެވެ. ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ވެސް ހޮވުނީ ރައްގާއެވެ.
ސަޕޯޓަރުންގެ ފޯރި ގަދަވެގެން ދިޔަ ކަމުގައި ވިޔަސް ކުޅިވަރުގެ ރޫޙާއި ޚިލާފަށް މަސްލަހަތު ގެއްލޭ ފަދަ އަމަލެއް ހިންގައިފައި ނުވާ ކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.
ނިމިގެން ދިޔަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލަށް ބޮޑު މުބާރާތެއްގައި ކުޅުނު ޖަންގަލް ސްޕޯރޓްސްގެ އާތިކު އިބުރާހިމްއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ވިލިނގިލީ ޓީމު ހޮވުނު އިރު ފެއަރޕްލޭ ޓީމަކީ ދާންދޫ ޓީމެވެ. އަޅުގަނޑުމެންގެ އުންމީދަކީ ޖަންގަލް ސްޕޯރޓްސް ޓީމު ޒޯން ގައުމީ ޒޯން މުބާރާތުގައި މިއަތޮޅާއި ވިލިނގިލީ ނަމަށް ރީތި ކުރާނެ ފަދަ މޮޅު ކުޅުމެއް ދައްކައި ކާމިޔާބު ހޯދާނެ ކަމުގައެވެ. އަދިވެސް އެއްފަހަރު ޖަންގަލް ސްޕޯރޓްސް އިން ހޯދި ކާމިޔާބީ ފާހަގަކޮށް އެފަރާތަށް މަރުހަބާ ކިޔަމެވެ.