ދާއިރާ ބަހުސް P01

( ރިޕޯރޓު؛ ދެރަހަ – 20  އެޕްރީލް 2009 )

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ބަހުސް ރޭ 22:30 ގައި ވަނީ ބޭއްވިފައެވެ. ގާތްގަޑަކަށް ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ ބަހުސްގައި މިދާއިރާއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 7 ބޭފުޅަކު ވަނީ ބަހުސަށް ހާޟިރުވެފައެވެ. ރޭގެ ބަހުސްގައި ބައިވެރިވެލެއްވީ؛

1-   އަދުނާނު ހަލީމު ( އެމްޑީޕީ )

2-   އަބްދުﷲ ތަސްލީމު އަބްދުލް ހަކީމު

3-   ފުއާޒު ޒާހިރު

4-   ސަމީރު އަހުމަދު

5-   އިގުމާލު ރަޝާދު

6-   އަބްދުﷲ ޖާބިރު

7-   މުހައްމަދު ރާމިޒު ( ޑީއާރުޕީ ) އެވެ.

ވިލިގިއްޔާއި ކޮލަމާފުށީގެ ގިނަ ބަޔަކު ވަގުތުން ބަލަމުން ދިޔަ ބަހުސްގައި ކޮންމެ ބޭފުޅަކަށްވެސް 5 ސުވާލުވަނީ ހުށަހެޅިފައެވެ. ސުވާލުތަކަށް ޖަވާބުދާރީވުމުގައި އެކި ބޭފުޅުން ގެންގުޅުއްވީ އެކި އުސޫލުތަކެވެ. ވާހަކަ ދެއްކުމުގައި އެކި ބޭފުޅުންގެ ކުޅަދާނަ ކަމާއި ހުނަރުވެރިކަން ވަނީ ވަރަށް ރަގަޅަށް ފެނިފައެވެ. އެއްބަޔަކު މަޖިލީސް ގަޑީގައި ފާޚާނާއަށްދާ ވާހަކައާއި، މަޖިލީހަށް ހޮވުމުން ވޯޓުގަތްކަމަށް ބުނާ ވާހަކައާއި، ސަރުކާރު ހިންގާ ޕާރޓީން ސަރުކާރު ޒިންމާދާރު ނުކުރެވޭނެ ވާހަކައާއި، މިސްކިތް ބިނާ ކުރަން ބިން ނަގާފައި ބަހައްޓާ ވާހަކައާއި، ވިލިނގިލީ އެއަރޕޯރޓްގެ ބްލޫ ޕްރިންޓްގެ ވާހަކައާއި، ކޫއްޑޫގައި ހެދުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖް އައްޑޫއަށް ބަދަލުކުރި ވާހަކަ ވެސް ފާހަގަކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ އެއަރޕޯރޓްގެ ކަންތަކާއި ތުނޑުހަސަނާއި ޖެހުނު މީދާހެން ރައީސް ނަޝީދުގެ ފަހަތުން އަޅުވައިގަންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މިފަހަރުގެ ގޮޑި އަކީ ޑްރަގް ފްރީ، އަލްކަހޯލް ފްރީ، ދަބަރު ފްރީ، ސިމެންތި ފްރީ ގޮނޑިއަކަށް ހެދުމަށް އެއް ބަޔަކު ފާހަގަކޮށްފައިވެއެވެ. ހަމަ މިމޭރުމުން ވާހަކަދައްކަމުން ދެރަށުގެ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރޭގެ ބަހުސްގައި އެކި ފަރާތްތަކުން ދެކެވުނު ވާހަކަތަކުގެ މައްޗަށް ދެވަނަ ވިސްނުމަކުން ބަލާލާއިރު ފެނި ހާމަވެގެންދާ ކަންތައްތަކެއް ވެއެވެ. އޭގެތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލާނީ އެމްޓިސީއާއި ހަވާލުކުރެވިފައިވާ ވިލިނގިލީގައި އެއަރޕޯރޓް ހެދުމުގެ މަޝްރޫއުއެވެ. މިމަޝްރޫއު އެމްޓީސީސީގެ ތެރެއިން ހޭންޑްލްކުރައްވާ ފަރާތަކީ  އަބްދުﷲ ތަސްމީނު އަބްދުލް ހަކީމު ކަމުގައި ވެފައި މިއަދާ ހަމަޔަށް މިކަމާއި ބެހޭ ގޮތުން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވީ ކީއްވެގެން ކަމެވެ. ރައީސް ނަޝީދު 2008 ޑިސެމްބަރ 30 ވަނަ ދުވަހު ވިލިނގިއްޔަށް ޒިޔާރަތްކުރައްވައި ވިދާޅުވީ މާލެ ވަޑައިގެން ވީހާވެސް އަވަހަކަށް އެއަރޕޯރޓްގެ ކަންތައް ގޮސްފައިވާ ހިސާބު އަންގަވައިދެއްވާނެ ކަމުގައެވެ. އަދި ޖެހިގެން ޖެނުއަރީ މަހުގެ ތެރޭގައި ވިލިނގިއްޔަށް ޒިޔާރަތް ކުރައްވާނެ ކަމުގައެވެ. މިކަންތައް މިގޮތަށް މިވީ ރައީސް ނަޝީދު މާކުރިއްސުރެ އެމްޑީޕީގެ ކެންޑިޑޭޓަކަށް ތަސްމީނު ހޮއްވެވުމަށް ގަސްދުކުރައްވައި އެއަރޕޯރޓް ޕްރޮޖެކްޓް ތަސްމީނު ކުރައްވާ ކަމެއްގެ ގޮތުގައި ދައްކުވަން ބޭނުންފުޅުވެގެން އެކަންތައް އެގޮތަށް ކުރެއްވީ ކަމެވެ. އަދި މިނޫނަސް މިފަދަ ކިތަންމެ ކަމެއް މިގޮތަށް މިހެން ފޮރުވާފައި ހުންނާނެ ކަން ޔަގީނެވެ.