އުންމީދެއް ލިއްބައިދީފި
( ހަބަރު؛ އިދުރީސް – 29 އެޕްރީލް 2009 )
މީގެ އަހަރުތަކެއް ކުރިން ވިލިނގިއްޔަކީ ބިމުގެ ދަތިކަމާއި ކުރިމަތިވެ، ރަށުން ގޯތި ދޫކުރުން ހުއްޓާލައިފައިވި ރަށެކެވެ. އެހެންވެ އެތަކެއް ފަހަރު މަތިން ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށް އޭރުގެ ސަރުކާރުގައި ވިލިނގިލީ އޮފީހުގެ ފަރާތުންނާއި އަމިއްލަ ފަރާތްތަކުން ވަނީ ހުށަހަޅައިފައެވެ. މިހެން މިގޮތުގައި އުޅެމުން ދަނިކޮށް 2004 ވަނަ އަހަރު ސްނާމީ ކާރިޘާއާއި ގުޅިގެން ބޭރުގެ ހިލޭ އެހީދޭ ފަރާތްތަކުގެ އެހީއާއި އެކު ވިލިނގިލީގެ އިރުމަތީ ފަރާތުގެ ފަޅުން ވަނީ 46 ހެކްޓަރުގެ ބިން ހިއްކިފައެވެ. މިބިން ހިއްކުމުގެ ކުރީގައި ވިލިނގިލީގެ އާބާދީގެ ކޮންމެ ހެކްޓަރަކަށް 62 މީހުން ޖެހޭއިރު ބިން ހިއްކުމުން ކޮންމެ ހެކްޓަރަކަށް ޖެހެނީ 32 މީހުންނެވެ. 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބިން ހިއްކައި ނިމުމަށް ފަހު ވަނީ ވިލިނގިލީ އޮފީހާއި ހަވާލުކުރެވިފައެވެ. އެހެން ނަމަވެސް އަމިއްލަ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް ބިން ދޫކުރުމުގެ ކޮޅުމަތި ވަނީ ނުފެނިފައެވެ. މިކަމާ ހިތްހަމަ ނުޖެހި 25 ފެބްރުއަރީ 2009 ދުވަހު ވިލިނގިލީގެ ޒުވާނުންތަކެއް ވަނީ ވިލިނގިލީ އޮފީސް ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ.
މިދެންނެވި އެއްވުން ބޭއްވުނުތާ ގާތްގަޑަކަށް 2 މަސްދުވަސް ފަހުން ޓީވީ ޚަބަރުގައި ރަށު ކައުންސިލަރ ހާރޫން ރަޝީދު ވިދާޅުވީ މިހާރު ވިލިނގިލީގެ ބިނާވެށި ޕްލޭނެއް އެކުލަވައިލަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ބިނާވެށި ޕްލޭން އެކުލަވައިލައި ނިމޭނެ ކަމަށް ލަފާކުރައްވާ ކަމުގައެވެ. އަދި ބިނާވެށި ޕްލޭން އެކުލަވައި ނިމުމުން ގޯތި ދޫކުރުން ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައެވެ.