ރައީސް ނަޝީދު ގއ. އަށް ޒިޔާރަތްކުރައްވަނީ

( އަވަސް ހަބަރު؛ ދެރަހަ 1 މެއި 2009  )

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުވަދު އަތޮޅަށް ދަތުރެއް މިހަފްތާ ބަންދުގައި ކުރައްވާ ކަމަށް ވަނީ ޚަބަރު ލިބިފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިއަތޮޅުގެ ދެތިން ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ނަމެވެސް މިދަތުރުގައި އެމަނިކުފާނު ވިލިނގިއްޔަށް ވަޑައިގަންނަވާ ގޮތަކަށް ހަމަޖެހިފައި ނުވެއެވެ. ރައީސް މިއަތޮޅު ދަތުރަށް ތައްޔާރުވުމުގެ ގޮތުން އެއަރޕޯރޓްތަކުގެ ވާހަކަ ވަނީ މީގެ ދެދުވަސް ކުރިން ދައްކަވާފައެވެ. އަދިވެސް މިނޫން މިކަހަލަ ތައްޔާރީތައް ވަނީ ވެލައްވައިފައެވެ. މިއަދު މަޖިލީހުގެ ތަޅުމަށް ވިލިނގިލީ އެއަރޕޯރޓްގެ ވާހަކަ ވަނީ ގެންނަވައިފައެވެ. ޓްރާންސްޕޯރޓް މިނިސްޓަރާއި ސުވާލު ދެންނެވުމުން ވިލިނގިލީ އެއަރޕޯރޓްގެ މަސައްކަތް ލަސްނުވާނެ ކަމަށާއި ވިއްޔާ ވާނީ އަވަސް ކަމުގައެވެ. މިނިސްޓަރ މިހެން ވިދާޅުވި ކަމުގައި ވިޔަސް މިމަސައްކަތަށް ސަރުކާރުން އުފެއްދެވި ކުންފުނި ( އެމްޓީސީސީ، އެއަރމޯލްޑިވްސް އަދި ސަރުކާރު ހިއްސާވެގެން ) ގައި މިފަދަ ކަމަކަށް ބޭނުންވާ ފަދަ ރައުސުލްމާލެއް ނެތެވެ. ހަމަ އެހެންމެ މިކަމަށް އަދި އެއްވެސް އިންވެސްޓަރެއް ވަނީ ނުލިބިފައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ވިލިނގިއްޔަށް ޒިޔާރަތް ނުކުރައްވަނީ ކީއްވެގެންތޯ ބަލައިލާން އެބަޖެހެއެވެ. މިކަމުގައި ސަބަބުތަކެއްވެސް އެބަވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ފާހަގަކޮށްލާނީ މަޖިލީހަށް ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ފަރާތަކީ އެމްޑީޕީން ބޭނުންވާ ފަރާތަށް ނުވެފައި އެފަރާތުން ހޮއްވަވަން ބޭނުންފުޅު ވަނީ އެހެން ބޭފުޅަކު ކަމުގައި ވުމެވެ. އެހެނީ މިވަގުތު ސަރުކާރު ފަރާތުން މިދާއިރާއަށް ހާއްސަކަމެއް ކޮށްދެއްވައި ރުހުން ލިބިގަތުމަކީ އެމްޑީޕީ ޓިކެޓަށް ދާއީދު އިތުރުވެދާނެ ކަމަށް ކަމުގައި ފެންނާތީއެވެ. ދެން އޮތް ކަމަކީ އެއަރޕޯރޓް ކަންތަކުގައި 30 ޑިސެމްބަރ 2008 ވަނަ ދުވަހު އެމަނިކުފާނު ވިދާޅުވި ބަސްފުޅެވެ. އަދި ހަމަ އެދުވަހު އެމަނިކުފާނު ވިދާޅުވި ބޭރުގެ ޓީޗަރުން އެޕްރީލް މަސް ނިމުނު އިރު ވެސް އެދެންނެވި ޓީޗަރުން ފޮނުވިފައި ނެތުމެވެ. ހަމަ އެދުވަހު އެމަނިކުފާނު ވިދާޅުވި ޔުޓިލިޓީ ކުންފުނި އަދިވެސް ދުނިޔެއަށް ނޭވާލާން ފެށިފައި ނެތުމެވެ. ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވި ގިނަ ކަންތައް، އުފާވެރި ޚަބަރުތައް އަދިވެސް އޮތީ ހުވަފެނެއްގެ ގެތޭގައި ކަމެވެ. މިފަދަ ސުވާލުތައް ކުރިމަތިވެލައްވާނެ ކަން އެނގިލައްވާތީ މިދަތުރުގައި އެމަނިކުފާނު ވިލިނގިއްޔަށް ޒިޔާރަތެއް ނުކުރައްވާނެއެވެ.