މިފަހަރު ސައިތައްޓަކަށް ނޫން

( ޚަބަރު؛ ދެރަހަ – 11 މެއި 2009 )

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އުފެދުނު ފަހުން މަޖިލީހުގެ ގޮނޑީގެ އަދަދު 77 އަށް ބަދަލު ކުރެވުނު ފަހުން ބޭއްވޭ ފުރަތަމަ އިލެކްޝަން މިހަފްތާގެ ހޮނިހިރު ދުވަހު ވަނީ ބޭއްވިފައެވެ. ކުރިން މުޅި އަތޮޅު ހިއްސާކުރަމުން ދިޔަ ވާދަވެރިކަން މިހާރު ވަނީ ވިލިނގިއްޔާއި ކޮލަމާފުއްޓަށް ކުޑަ ވެފައެވެ. ވާދަކުރާނެ ދާއިރާ ވަނީ ހަނިކުރެވިފައެވެ. ކޮންމެ ގޮތަކަށް މިކަންތައް ވިޔަސް މިދާއިރާއަށް ވެސް 8 ފަރާތަކުން ވަނީ ކުރިމަތިލައްވައިފައެވެ.

ފޯރިއާއި އަޒުމުގައި މިހުރިހާ ކެންޑިޑޭޓުން ވަނީ ތާއީދު ހޯދަން މަސައްކަތް ކޮށްފައެވެ. އަދި އެހެންމެ ގިނަ ގުނަ ހޭދަކޮށްފައެވެ. އެއްބަޔަކު 10 މިލިޔަން ހޭދަކުރި އިރު އަނެއް ބަޔަކު ތިރީހަކަށް މިލިޔަން ރުފިޔާ ވަނީ ކެމްޕެއިނަށް ޚަރަދުކޮށްފައެވެ. އެކި ނަންނަމުގައި އެކިގޮތަށް ބަހައިފައެވެ. ބައެއް ފަހަރު ހަދިޔާއެކޭ ބުނަމުން ދިއްކޮށްލައެވެ. އަދި އަނެއްބައި ފަހަރު ވޯޓުލުމަށް ޝަރުތުކޮށް ވަނީ ނަގުދު ދީފައެވެ. މިގޮތުން އެއްބަޔަކު ނަގުދު ފައިސާ ދިންއިރު އަނެއް ބަޔަކު ގެ އިމާރާތްކުރާނެ ކަމަށް ވައުދުވުމާއި، ގެތަކުގެ ޝީޓު އަޅައިދިނުމާއި، ފާރު ރޭނުމާއި، ކަށިވެއްޔާއި ދޮންވެލި ގެޔަށް ފޮނުވުމާއި، މަސައްކަތު މީހުން ފޮނުވައި މަސައްކަތް ކުރުވުމާއި މިފަދަ ކިތަންމެ ކަމެކެވެ.

ތާއީދު ހޯދުމަށް ފައިސާ ހޭދަކުރަމުން ދިޔަ އިރު ކެމްޕެއިން އޮފީސްތަކުން އަންހެންވެރިންނާއި ބަސްވިކޭ ބައެއް މީހުން ގޭގެއަށް ގޮސް ވޯޓުދޭންވީ ފަރާތް ވިސްނުވައިދޭން މަސައްކަތް ކޮށްފައިވެއެވެ. ކެންޑިޑޭޓުން އަމިއްލަ ފުޅަށް ގޭގެއަށް ގޮސް މީހުންނާއި ބައްދަލުކޮށް ވިސްނުވައިދޭން މަސައްކަތް ކޮށްފައި ވެއެވެ. އެކުވެރިންނާއި ރުހުން ލިބިފައިވާ ފަރާތްތަކުން ތާއީދު ހޯދުމަށް ވަރަށް ބުރަ މަސައްކަތެއް ވަނީ ކޮށްފައެވެ.

ތާއީދު ހޯދުމާއި ތާއީދު ގެއްލުވާލުމަށް އެކި ފަރާތްތަކުން ބޭނުންކުރެވިފައި ވަނީ އެކު އުކުޅުތަކެވެ. އެގޮތުން ކޮލަމާފުށީގައި އެރަށުގެ މީހަކު ނޫން މީހަކަށް ވޯޓު ނުދިނުމުގެ ވެއްޓެއް ގާއިމުކުރަން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެއްބަޔަކު އަނެއް ބައެއްގެ ބަލިފައި ދެއްކުމަށް ކަރުދާސް ބަހައިފައިވެއެވެ. އަދި ތާއީދު ހޯދުމަށްވެސް އެބީދައިންނެވެ.

ވޯޓުގެ ނަތީއްޖާއަށް ބަލައި ވިސްނުނު ކަންތައްތަކެއް ވެއެވެ. އަދުނާން ހަލީމަށް މިއިންތިޚާބު ކާމިޔާބު ނުކުރެވުނު އެންމެ ބޮޑު އެއްސަބަބަކީ އެމްޑީޕީގައި މަސައްކަތް ކުރުމަށް ފަހު ޖުމްހޫރީ ޕާރޓީއާއި ގުޅުމަށް ފަހު އަނެއްކާވެސް އެމްޑީޕީއާއި ވަނީ ގުޅިފައެވެ. މިހެންވުމުން ޕާރޓީގެ މެދުގައި އޭނާއަށް ތާއީދު ކުޑަވީއެވެ. އަދި ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގެންނެވީ މުޅިން އެހެން ބޭފުޅެކެވެ. އަބްދުﷲ ތަސްމީނު އަބްދުލް ހަކީމު މިދާއިރާއަށް ކުރިމަތިލެއްވީ ރައީސް ނަޝީދުގެ އަރިހުގައި ބަސްވިކޭ މީހެއްގެ ނުފޫޒުގައެވެ. އަދި ޕާރޓީ ޓިކެޓް ނުލިބުމުން އަމިއްލަ ނަމުގައި ކުރިމަތިލެއްވީ ރައީސް ތާއީދުކުރައްވާތީއެވެ. އެއަރޕޯރޓް ޕްރޮޖެކްޓްވެސް ގޮތްގޮތަށް ބަދަލުކުރީ މިކަމާއި ވިއްދައެވެ. މިކަހަލަ ކަންތައް ހުރުމުން އެހާވަރުގެ ތާއީދެއް ވަނީ ނުލިބިފައެވެ. ފުއާދު ޒާހިރު އެންމެ ފަހު ވަގުތުގައި ތަސްމީނުއާއި ގުޅިގެން އޭނަގެ ތާއީދު އެފަރާތައް ދޫކޮށްލީއެވެ. ރިއްފަތު ގާސިމް އަދުނާން ހަލީމްއާއި ގުޅިގެން އޭނަގެ ތާއީދު ދޫކޮށްލީއެވެ. ސަމީރު އަހުމަދު އާއިލާއަށް ރަށުގައި ތާއީދު ނެތުމުން ތާއީދު އިތުރު ކުރެވޭ ގޮތެއް ވަނީ ނުވެފައެވެ. އަބްދުﷲ ޖާބިރަށް ތާއީދު ނުލިބުގައި ވަނީ ހަމަ އެންމެ ސަބަބެކެވެ. އެއީ ކުރީ ފަހަރު ހޮވުމުން ބުނެފައިވަނީ ތިމަންނަ ވޯޓު ގަތީ ކަމަށާއި، އެމީހުން ސައިތައްޓަކަށް ވޯޓު ވިއްކާލީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ކުރީ ފަހަރު ޖާބިރަށް ވޯޓު ދިނީ އޭނގެ ފަރާތުން އަތޮޅަށް އުންމީދުތަކެއް، ކުރިއެރުންތަކެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ. މިފަހަރު ރައްޔިތުން އެކަން ޖާބިރަށް ދައްކައިފިއެވެ. ޖާބިރު ކުރީ ފަހަރަށްވުރެ ގިނައިން ވޯޓު ހައްގުވާ ދެހާސް މީހުންނަށް ވަނީ ހޭދަކޮށްފައެވެ. އެކަމަކު ވޯޓު ކުރީ ފަހަރަށްވުރެ ދަށްވީ އެއްޗެއް ވިސްނުވައި ދިނުމުގެ ބޭނުމުގައެވެ. ކޮތަރު ބައިގަނޑަށް ހަނޑޫ އުކުމުން އަޔަށް ގޮތެއް ބަދަލު ނުކުރާނެ ކަން ވަނީ މިފަހަރު ދައްކުވައިފައެވެ. މިފަހަރަކު ސައިތައްޓަކަށް ވޯޓެއް ހަމަ ނުދިނެވެ.

މުހައްމަދު ރާމިޒު މިދާއިރާ ކާމިޔާބު ކުރުމުގައި ތަފާތު ގިނަ ސަބަބުތަކެއް ވެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ ރަށު ފޯރި ނުވަތަ ވަތަނީ ލޯބި ޖެހުމެވެ. ކޮލަމާފުށީ މީހުން ވިލިނގިލީގެ މީހަކަށް ވޯޓު ނުދިނުމަށް ގޮވައިލުމުން އެކަމުގެ ބަދަލުގައި ވިލިނގިލީ މީހުން ތާއިދުކުރީ ޒަމާންވި އެކުވެރި މައުމޫނަށެވެ. ސަރުކާރުގެ މެމްބަރަކަށް ސަރުކާރު ޒިންމާ ނުކުރެވޭނެތީ އިދިކޮޅު މެމްބަރަކު ހޮއްވެވީއެވެ. ސައިތައްޓަކަށް ނުވިކި ވަތަނީ ލޯބި އިސްކުރީއެވެ.