މާބަނޑު އަންހެނުންގެ އުދާސް
( ރިޕޯރޓް؛ އިދުރީސް – 19 މެއި 2009 )
ގއ. އަތޮޅު ހޮސްޕިޓަލަކީ ބާރަ ހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ހުވަދު އަތޮޅު އުތުރުބުރިއަށް މަރުކަޒީ ސިއްޙީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އިދާރާއެވެ. މިތަނުގެ ޒިންމާ ނުވަތަ މެންޑޭޓްގެ ތެރޭގައި މުޅި އަތޮޅުގެ ސިއްހީ ހިދުމަތް މޮނިޓަރކޮށް ބެލެހެއްޓުމާއި ފުރިހަމަ ގޮތެއްގައި ސިއްޙީ ޚިދުމަތް ވިލަރެސްކޮށް ބެލެހެއްޓުން ހިމެނެއެވެ.
އަތޮޅު ހޮސްޕިޓަލާއި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަސްމާ އަބްދުﷲ ހަވާލުވެލެއްވުމުން އަޅުގަނޑުމެން ވަރަށް ބޮޑު އުންމީދުތަކެއް ކުރީމެވެ. އެއީ އެތާނގައި ގިނަ ދުވަސްތަކަކު އުޅެއްވުމަށް ފަހު، އެތާނގެ ހާލަތާއި، ވިންދު އަދި އިހްސާސް ރަގަޅަށް އެނގޭނެ މީހަކު އެތަނަށް އައުމުން އެތާނގެ ހިދުމަތްތައް ރަނގަޅުވެގެންދާނެ ކަމުގެ އުންމީދެވެ. އިސްލާޙުކުރަންވީ ކަންތަކާއި ބޮއްސުންލާފައި ހުރި ކަންތައް ހަމަ މަގުން އަޅުވާނެ ކަމުގައެވެ.
މީގެ ދުވަސްކޮޅެއް ކުރިން އަޑު އިވިގެން ދިޔައީ އަތޮޅު ހޮސްޕިޓަލަށް ގައިނީ ދެ ޑޮކްޓަރުން ގެންނަވައި އެތާނގެ ހިދުމަތް ފުޅާކުރެއްވި ކަމަށެވެ. މިބޭފުޅާ މިތަނާ ހަވާލުވެ ހުންނަވައި ފުރަތަމަ ފަހަރަށް 2 ގައިނީ ޑޮކްޓަރުން ހޮސްޕިޓަލުގައި ހިދުމަތް ދޭން ފެށިފައިވާ ކަމުގެ ތަސައްލީ އާންމުނަށް ދެއްވަމުން ގެންދެވިތަން ފެނިގެން ދިޔައެވެ. އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އެނގުނު ގޮތުގައި މިގެނެވުނު ޑޮކްޓަރަކީ މިތާނގަ ހުންނެވި ގައިނީ ޑޮކްޓަރ ބޭސްފަރުވާއަކަށް މާލެ ދިއުމަށް ޗުއްޓީއަށް ފޮނުވުމަށް މިތަނަށް ވަގުތީ ގޮތުން ގެނެވުނު ޑޮކްޓަރެއް ކަމެވެ.
މިހާ ހިސާބުން އަލަށް ލިބުނު ޑޮކްޓަރުގެ ވަނަވަރަށް ބަލައިލާނަމެވެ. މިޑޮކްޓަރަކީ މީގެ ކުރިން ލ. އަތޮޅުގައި މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ. އެތާނގެ ބަލިމީހުންނަށް މީނައަށް ކެތް ނުކުރެވިގެން މީނަ ފައްސާލީމަ މިތަނަށް ފޮނުވީ ކަމަށް މިސައިޓަށް މައުލޫމާތު ލިބިފައިވެއެވެ. މިދެންނެވި ގައިނީ ޑޮކްޓަރ (ޑރ. ލަކްޝަމީ) މިތަނަށް ދުރުވެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރެއްވި ކަމަކީ މިތާނގަ ހުންނެވި ގައިނީ ރަޝިޔާ ޑޮކްޓަރުގެ އަންހެނުނަށް ހަމަލާ ދިނުމެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން ބަނޑުގައި އަތުން ޖަހައިފައިވެއެވެ. އަދި ހޮސްޕިޓަލުގެ ރިސެޕްޝަން ކައިރީ ހުއްޓާ ކޮށްޕާ ވައްޓާލައިފައިވެއެވެ. މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ މެނޭޖްމަންޓަށް (އަސްމާ އަބްދުﷲ) އަށް ވަނީ މިމައްސަލަ ހުށަހަޅާފައެވެ. އެކަމަކު މިއަދާއި ހަމަޔަށް އައި އިރުވެސް މިކަމަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މިތާނގަ ހުންނެވި ރަޝިޔާގެ ގައިނީ ޑޮކްޓަރ ބޭސްފަރުވާއަކަށް މާލެ ދިއުމަށް ފަހު އަނބުރައި އަތޮޅު ހޮސްޕިޓަލަށް އަންނަން ބޭނުން ވަނީ ކުރިން ހުށަހެޅުނު މައްސަލައަށް ފިޔަވަޅެއް އެޅުމުންނެވެ. މިހެންވުމުން މިކަމަށް ފިޔަވަޅެއް ނޭޅި ގިނަ ދުވަސްވުމުން މިހާރު އެޑޮކްޓަރ ވަނީ އެހެން އަތޮޅަކަށް ފޮނުވާލައިފައެވެ.
މިހާރު ހުންނެވި ޑރ. ލަކްޝަމީ އަކީ ތަނަކުން ބޭރުކޮށްފައިވާ ޑޮކްޓަރަކަށް ވުމުން މިހާރު ކަންތައް ވަމުންދާގޮތް ބަލައިލަމާ ބަހީއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި މީނަ ޑޮކްޓަރެއްގެ ސުލޫކީ މިންގަނޑަށް ނުފެތޭ ކަމަށް ބަލައިލާނަމެވެ. އެގޮތުން ވާހަކަ ދައްކާ އިރު ބަލިމީހާ އިތުރަށް ބަލި ބޮޑުވާ ގޮތަށް ވާހަކަ ދެއްކުން ހިމެނެއެވެ. ބަލިމީހުން ބިރުގަންނަވައި ނެތް ކަންތައްތަކުގެ ވާހަކަ ދައްކައި ނަފްސާނީ ގޮތުން ބަލިކުރުވައެވެ. ފުރަތަމަ ފަހަރަށް ޕްރެގްނެންސީއަށް ޕްޒިޓިވްވެގެން ދެއްކުމުން މާބަނޑު މީހާ ފެނުމުން ނުވިހާނެ ކަމަށް ބުނުމާއި މެޑިކަލް ރިޕޯޓްތައް ގަބޫލުނުކުރުން ހިމެނެއެވެ. މިކަމާއި ބިރުން މިހާރު އެމީހުން ވަނީ ޑޮކްޓަރަށް ދެއްކުމަށް މާލެވެސް ގޮސްފައެވެ. ހަމަ މިބީދައިން ބަލާއިރު މާބަނޑު މީހަކަށް ބާރުގަދަ ބޭސް (ބަސްކޮފަން) ދީފައި ވެއެވެ. ބަނޑުގަ އޮތް ކުއްޖާ މަރުވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އެކަމަކު އެކަން ސީރިއަސް ކޭސްއަކަށް ނުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އަޅާނުލައި ބޭއްވީއެވެ. ނުވިތާކަށް މިތާނގަ ބޭނުންކުރަމުން އައި ސްކޭން މެޝިން ހަލާކު ކުރުމަށް ފަހު އޭގެ ދެވަނަ މެޝިން ވެސް ވަނީ ހަލާކު ކޮށްފައެވެ. މިޑޮކްޓަރަށް ސްކޭން މެޝިނުން ސްކޭން ކުރާކަށް ނޭނގެއެވެ. އަދި ގިނަ ފަހަރަށް ބަލިމީހާގެ ބީޕީ ބަލަނީވެސް ތަރުޖަމާނުލައްވައެވެ. މިހާވެސް މީނާގެ ތުއިކަން ބޮޑެވެ. މިކަހަލަ ގިނަ ސަބަބުތަކާއި ހެދި މިތަނަށް ކުރިން ދައްކަމުން އަންނަ އެންމެން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ދައްކަން ވަނީ ފަށާފައެވެ. މިހެންވުމުން ކޮންމެ މަހަކު ދިހަބާރަ ހާސް ރުފިޔާ މިކަމަށް ހޭދަކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން މިރަށުގައި މިހާރު ތިބި ތިރީހަކަށް މާބަނޑުމީހުން ވަނީ ހަދާނެ ގޮތެއް ނެތި ގޮތް ހުސްވެފައެވެ.
މިކަމާއި ހިތްދަތިވެގެން އެތަކެއް މާބަނޑު މީހަކު ވަނީ އެކި ތަންތަނަށް ގުޅައި މަސައްކަތް ކޮށްފައި ކަމަށް އަޅުގަނޑުމެންނަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިކަމާއި ގުޅޭ ޕެޓިޝަނެއް ވަނީ ހެލްތް މިނިސްޓަރަށް ހުށަހަޅާފައެވެ. ނަމަވެސް މިކަމާއި އަދި އަޅައިލެވިފައެއް ނެތެވެ. މާބަނޑު މީހުންގެ ޝަކުވާ އަކީ މިތަނަށް މިނޫން ގައިނީ ޑޮކްޓަރަކު ފޮނުވައި ދިނުމެވެ. ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި ކުއްވެރިން ހިމާޔަތްކުރާ ބައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ހިއުމެން ރައިޓްސް ކަމިޝަނަށްވެސް މިކަމާއި އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެދި ގޮވައިލަމެވެ. މިއީ މިވަގުތު ވިލިނގިލީގައި ތިބި 35 މާބަނޑު މީހުންނާއި އަތޮޅުގެ 10 ރަށުގައި ތިބި އެތަކެއް މާބަނޑު މީހުންގެ ރައްކާތެރިކަމާއި، ދަރިންގެ މުސްތަގުބަލާއި ގުޅިފައިވާ ކަމަކަށް ވާތީއެވެ. އިންސާނީ ހައްގަކަށް ވާތީއެވެ.
މިކަމާއި ގުޅުން ހުރި އިތުރު ކަމެއްގެ ވާހަކަވެސް ތިޔަ ބޭފުޅުންނާއި ހިއްސާކޮށްލާނަމެވެ. މީނަގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން މުޅި އަތޮޅުގެ ސިއްޙީ ހާލަތު ވަނީ ގޯހުން ގޯހަށް ގޮހެވެ. މިދެންނެވި ކަހަލަ އެތަކެއް މައްސަލަ މިތާނގައި ޖެހިފައި ހުރުމުން ރައްޔިތުން ނިކުމެ މިތަނުން އަސްމާ އަބްދުﷲ ފަހައި ބޭރުކޮށްލަފާނެ ކަމުގެ ބިރު ހީވުމުން އަވަހަށް މިތަނުން ފިލަންވެގެން މިހާރު ތައްޔާރުވަމުން އެބަދެއެވެ. އެގޮތުން މިތާނގަ ކުރިން ހުންނެވި އަހުމަދު ނާސިރު މިތަނަށް ބަދަލުކުރަން މަސައްކަތްކޮށްދިނުން އެދި އަސްމާ ވަނީ އަބްދުﷲ ތަސްމީނު އަބްދުލް ހަކީމުއާއި ވަރަށް ސިއްރު ގޮތަކުން ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. ވިލިނގިލީގެ މާބަނޑު އަންހެނުން ފަށާފައިވާ މަސައްކަތަށް އަތޮޅުގެ ހުރިހާ ރަށަކުން އެއްބާރުލުން ދިނުމަށް ގޮވައިލަމެވެ. އަދި މިކަމުގައި ސަރުކާރުން އިޙްމާލު ނުވުމަށް ވެސް ގޮވައިލަމެވެ.