ދަތި އޮފީސް ގަޑި
( ރިޕޯރޓު؛ އިދުރީސް – 16 ފެބްރުއަރީ 2009 )
ޒަމާނުއްސުރެ ދިވެހިންނަކީ ހިވާގި، މުރާލި، މަސައްކަތްތެރި ބައެކެވެ. އާމްދަނީ ހޯދުމަށް އޮފީސްތަކުގައި މަސައްކަތްކުރުމުގެ އިތުރުން، އިތުރު އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރާ ގިނަ ދިވެހިން އުޅެއެވެ. އަދި އޮފީސް ގަޑި ނިމިގެން ކުޅިވަރެއް ކުޅެލުމާއި، ރައްޓެހިންނާއި އެކީ ހަވީރު ވަގުތު ހޭދަކޮށްލުމާއި، އާއިލީގެތަކަށް ޒިޔާރަތްކުރުމާއި އަދިވެސް މިނޫން އެތަކެއް ކަމެއްގައި ހަވީރު ގަޑި އަވަދިނެތި ކަހަލަގޮތަކަށް އުޅުމަށް ދުވަހުގެ ތާވަލް ރޭވިފައިވާ ހީވާގިބައެވެ.
ނަމަވެސް މިއަދު މިފެނިގެންދަނީ މުޅިން އެހެން މަންޒަރެކެވެ. އޮފީސް ނިންމާލާފައި ހަވީރު ގަޑި އެއްވެސް ބޭނުމެއް ނުހިފި ބޭކާރުގޮތުގައި އިރުއޮއްސިގެންދާތަނެވެ.
1- ކުޅިވަރު؛ އޮފީސްތަކުގައި އުޅުއްވާ ގިނަ ޒުވާނުންނަކީ ކުޅިވަރުކުޅުމަށް ލޯބިކުރާ ބައެކެވެ. އެގޮތުން އޮފީސް ނިންމާލުމަށްފަހު ގެއަށްއައިސް މެންދުރު ކެއުމަށްފަހު، ހަޖަމުކުރުމަށް ވަގުތު ދިނުމަށް ފަހު ހަވީރު އަސްރު ނަމާދުން ފައިބައިގެން 4 ޖަހާކަންހާއިރު ދަނީ ކުޅިވަރުކުޅެން ދަނޑުތަކަށެވެ. މިއީ މިކަމުން އިޖްތިމާއި ރޫޙުއާލާވެގެންދާކަމެކެވެ. ނަމަވެސް މިހާރު ކަންތައް ވެގެންދާ ގޮތަކީ މިއެއް ނޫނެވެ. ހަވީރު އޮފީސް ނިންމާފައި އައިސް ކުޑަކޮށް އަރާމުކޮށްލާއިރު ހުންނަނީ އިރު އޮއްސިފައެވެ. އިރު އޮއްސުމުން ކޮންމެ ކޮންމެ ކުޅިވަރެއް ނުކުޅެވޭނެއެވެ. މިކަމުގެ ސަބަބުން ކުރިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ދިޔަ ކުޅިވަރާއި އިޖްތިމާއީ ރޫޙަށް ވާނީ ކިހިނެއްބާވައެވެ؟
2- އާއިލީ ބައްދަލުވުން؛ ކުޅިވަރު ނުކުޅޭ ގިނަ ފަރާތްތަކުން ހަވީރު ގަޑި ބޭނުންހިފާ އެއްގޮތަކީ އާއިލާގެ ބޭފުޅުންގެ ގޭގެއަށް ޒިޔާރަތްކުރުމަށެވެ. އެގޮތުން އާއިލީ ގުޅުން ބަދަހިވެގެން ދެއެވެ. އެކަމަކު މިހާރު އެޒިޔާރަތަށް ވަނީ އިރުއޮއްސިފައެވެ. އާއިލީ ގުޅުންތަކަށް ދެންއަންނާކީ ކޮންފަދަ ދުވަސްތަކެއް ހެއްޔެވެ؟
3- ވޮލަންޓިއަރުން؛ އާންމުގޮތެއްގައި ރަށްފުށުގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކަކީ “ހިލޭ ސާބަހަށް” މަސައްކަތްކުރާ ބައެކެވެ. އެހެނީ ޖަމްއިއްޔާތަކުގަ މަސައްކަތްކުރާ ބަޔަކަށް އެއްވެސް ލިވިންގ އެލެވެންސެއް ލިބޭ ބައެއް ވަރަށް “މަދު”ވާނެއެވެ. އެހެންކަމުން މިގޮތަށް މަސައްކަތްކުރާ ގިނަ ޒުވާނުންނަކީ ނުވަތަ ފަރާތްތަކަކީ ވަޒީފާއެއްގަ އުޅެމުން ދެވަނަ ޚިދުމަތެއްގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެކެވެ. އަދި ގިނަ ފަހަރަށް ބޭނުންވާ ފަންޑުވެސް ހޯދަދެނީ އެފަރާތްތަކުންނެވެ. މިހެން މިގޮތަށް ގަޑި ހަމަޖެހިފައި އޮތުމުން އެފަދަ ފަރާތްތަކަށް ކުރިން ހަރަކާތްތެރިވިހެން މިހާރު އުޅެވުމަކީ ނާދިރުކަމެކެވެ. އަދި މުޖުތަމައުގައި މިގޮތަށް މަސައްކަތްކުރާ ފަރާތްތަށް މަދުވެ، އެފަދަ ހަރަކާތްތައް މަދުވެގެން ދިއުމަކީ ޔަގީންކަމެކެވެ. މޯލްޑިވްސް ވޮލަންޓިއާސް ކޯ އިފްތިތާހްކުރައްވަމުން ނާއިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައި ވަނީ މިގޮތަށް މަސައްކަތްކުރާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި ހަރަކާތްތައް އިތުރުކުރުމުގެ މައްޗަށެވެ. އެކަމަކު މިހެންވުމުން މިކަން ކުރާނީ ކިހިނެއްހެއްޔެވެ؟
4- ބިލް ދެއްކުން؛ ކޮންމެ މަހަކު އެއްފަހަރު އަންނަ ކަރަންޓް ބިލް، ފޯނު ބިލް، ފެން ބިލް، ގޭސް ބިލް، ލޯނު ބިލް، ކޭބަލް ޓީވީ ބިލް ފަދަ ބިލްތައް އާންމުގޮތެއްގައި ދައްކަން އޮފީސްތަކަށް ދާނީ ގޭގައި ކުދިން ބެލުމުގައި ނުވަތަ ގޭގެ މަސައްކަތުގައި އުޅޭ މީހުނަށް ވުރެ ގިނައިން އޮފީސްތަކުގައި އުޅުއްވާ ބޭފުޅުންނެވެ. މިހާރު އޮފީސްގަޑި ރޭވިފައިވާގޮތުން މުޅި ދުވަހުގެ އޮފީސް ގަޑީގެ ތެރޭގައި ހުސްވަގުތު ކޮޅެއްގެ ގޮތުގައި މިލިބެނީ ހަމައެކަނި މެންދުރުކާން ލިބޭ އެއްގަޑި އިރެވެ. އެހެން ގަޑިތަކުގައި އޮފީސްހުން ބޭރަށް އެއްވެސް ބޭނުމަކު ދިއުމެއް ނޯވެއެވެ. މިދެންނެވި މެންދުރު ކާ ގަޑީގައި ހުރިހާ ސަކަރާތެއް ގަންނަން ވެއްޖެ ނަމަ ދެން ވާނެ ގޮތް ހިތައް ތަސައްވުރުކޮށްލައްވާށެވެ.
5- ވިޔަފާރި ގަޑި؛ އޮފީސް ގަޑި 8އިން 4އަށް ބަދަލުކުރެވުނީ ހިދުމަތްތައް އަތްފޯރާ ފަށަށް ގެނައުމުގެ މަގުސަދުގައި ކަމުގައެވެ. އެހެން ނަމަވެސް ސަރުކާރުގެ ކުންފުނިތަކުގެ ވިޔަފާރި ގަޑިއަށް އެއްވެސް ބަދަލެއް ނާދެއެވެ. އިންޖީނުގެތަކުގެ ބިލަށް ފައިސާ ބަލައިގަންނަ ގަޑި އަދިވެސް އޮތީ ކުރިންވެސް އޮންނަ ގަޑީގައެވެ. ބެންކިންގ ގަޑިވެސް އޮތީ ހަމަ އެގޮތުގައެވެ. 4 ޖަހަންދެން އޮފީހުގަ ތިއްބަސް ބެންކުން ފައިސާގެ މުއާމަލާތްކުރާނީ ހަމަ ކުރިންވެސް އޮތް ގޮތުގައެވެ.
6- ގޭގެ މަސައްކަތް؛ އޮފީހެއްގައި ވަޒީފާއަދާ ކުރިޔަސް ގޭގައި ކުރަންވެފައި ހުންނަ ކުދި މަސައްކަތްތަކާއި ކުރެވޭ ކަހަލަ ބޮޑެތި މަސައްކަތްތައް އަމިއްލައަށް ކުރުމަށް ކޮންމެ މީހަކުވެސް ހާއްސަ ސަމާލުކަމެއް ދެއެވެ. މިހާރު މިވާގޮތުން އޮފީސް ނިންމާފައި ގެޔަށް ގޮސް މަސައްކަތައް ތައްޔާރުވެގެން މަސައްކަތް ފެށޭވަރުވާނީ އިރުއޮއްސޭ ފަހުންނެވެ. މިހެންވުމުން އެކަމަކަށް ފައިސާ ހޭދަ ނުކޮށް ކުރިން ކުރެވުނު މަސައްކަތްތައް މިޖެހެނީ “ބޮޑު” ހޭދަ ކުރާށެވެ.
7- އާއިލާއާއި އެކު ހޭދަކުރުން؛ މިފަހަކަށް އައިސް އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ކުދިންގެ އަޚުލާގު ގޯސްވާ ވާހަކައެވެ. ކަމުގެ ތަޖުރިބާކާރުން ލަފާ ދެނީ އެކުދިންނާއި އެކު ގިނަ ވަގުތު ހޭދަކުރުމަށެވެ. ބޭނުންވާ ލޯބި ދިނުމަށެވެ. ދިރިއުޅުމުގެ ޚަރަދުތައް ހުރިގޮތުން ވަޒީފާއަކަށް ދިއުން މުހިންމެވެ. ވަޒީފާގެ ވަގުތު މިގޮތަށް ހަމަޖެހިފައި އޮތުމުން ކުދިންނާއި އެކީ ހޭދަ ކުރެވޭ ވަގުތު މަދުވެފައި، އަބަދުވެސް ވަރުބަލިކަން އިހްސާސްކުރަން ޖެހުމުން ދެންވާނީ ކިހިނެއްބާވައެވެ؟
8- މުޅި ދުވަސް؛ ދުވާލު އިރު އަލިވިލުމާއި ވިދިގެން ދެން މި އުޅެގަންނަން ޖެހެނީ އޮފީހަށް އައުމުގެ ތައްޔާރީގައެވެ. ހެނދުނު، މެންދުރު ކުރި، މެންދުރު، މެންދުރު ފަސް އަދި ހަވީރު މިދަނީ އޮފީސްތެރޭގައެވެ. ދުވާލުގެ ހަތަރުދަން މިހޭދަ ކުރަނީ އެންމެ ކަމެއްގައި ޝާމިލުވެގެންނެވެ. އެހެން ކަމަކާ ވިސްނާލާނެ، ފިކުރު ހިންގާލާނެ ވަގުތެއް ނުލިބެއެވެ.
9- މުސާރަ؛ އެއް ބިލިޔަން ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް ދެއްވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކުރިއެރުން ލިބިގެންދާނީ ކިހިނަކުން ބާވައެވެ؟ މުސާރައިގެ ކުރިއެރުމަކީ ހަމައެކަނި ބޭސިކް ސެލެރީގެ ގޮތުގައި އޮންނަ އެއްޗެއް ނޫނެވެ. ނަމަވެސް މަސް ނިމުމުން ގެޔަށް ގެންދަން ލިބޭ އެއްޗެކެވެ. މިހާރު މިވާގޮތުން ދުވާލުދާ ހަތަރުދަމު އޮފީސްތެރެ އުޅެފަ ލިބެނީ ހަމައެކަނި ބޭސިކް ސެލެރީއަށެވެ. އިތުރު ފައިސާ ހޯދުމަށް ނުވަތަ އިތުރު މަސައްކަތް ނިންމުމަށް އިތުރަށް މަސައްކަތެއް ކުރާހާ ހިތްވަރެއް ނުލިބޭ ވަރަށް އޮފީހުގައި ވަގުތު ހޭދަކުރުވަނީއެވެ. މިހެންވުމުން މަސް ނިމުމުން ގެޔަށް ގެންދަން ލިބޭނީ ކުރިން ލިބުނު އެއްޗަކަށް ވުރެ މަދު އެއްޗެކެވެ.
10- މެންދުރު ލިބޭ ހުސްވަގުތު؛ މެންދުރު ކެއުމުގެ ނަމުގައި ލިބިދެވޭ ހުސްވަގުތުގެ ބޭނުން ރަގަޅު ގޮތުގައި ހިފެނީ ކިތަށް މީހުނަށް ބާވައެވެ؟ އެހެނީ އޮފީހުން ނުކުމެ ގެޔާއި ހަމަޔަށް ދެވޭނީ އެތަށް އިރަކު ހިނގުމަށް ފަހުގައެވެ. ނޫނީ ޓެކްސީއެއްގައި ދެކޮޅަށް 40 ރުފިޔާ ހޭދަކުރުމަށް ފަހުގައެވެ. އެހެން ނޫންނަމަ ވަގުތު ސަލާމަތް ކުރަން ކައިރި ރެސްޓޯރަންޓަކަށް 60 ނޫނީ 100 ރުފިޔާގެ ކެއުމަކުން އަލާފިލުވައިލާނީއެވެ. މިއީ ކުރިން ކުރަން ނުޖެހޭ ހޭދައެކެވެ. މިހެންވުމުން މެންދުރު މިލިބޭ ހުސްވަގުތު ކޮޅަކީ ހަމަ ފަސޭހައަކަށް ނުވަތަ ގެއްލުން ލިބޭ ވަގުތެއް ބާވައެވެ؟
މިފާހަގަކޮށްލީ މީގެ ތެރެއިން މަދު ކަންތަކެކެވެ. މިނޫނަސް ގިނަ ގުނަ ސަބަބުތަކެއް އެބަހުއްޓެވެ. މިނޫނަސް މިބަދަލާއި ގުޅިގެން ހިތްނުތަނަވަސްވާނެ ސަބަބުތަކާއި މީހުން ބައިވަރެވެ. މިކަމުގެ ސަބަބުން ވަޒީފާދެކެ ފޫހި ވަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟ މިކަމުގެ ސަބަބުން މުވައްޒަފުންގެ ސުލޫކީ މިންގަނޑަށް އަންނާނެ ބަދަލުތައް ބައިވަރެވެ. އޮފީހެއްގެ ސީނިއަރ ސްޓާފަކު ފައްސިޔަ ކެފޭގައި އިދެގެން މިސައިޓަށް މައުލޫމާތު ދެމުން ބުނީ “މިއީ އަހަރެމެން ބޭނުންވި ގޮތެއް ނޫން، މިކަމުން ވަރަށް ގިނަ ދަތިތައް އެބަހުރި، މިހާރު މިކަމަކާއި ހެދި މުޅި ދުވަސް މިދަނީ މިހެން، އެއްވެސް އެހެން ކަމެއް ކުރެވޭ ވަރެއް ނޫން،” ކަމުގައެވެ. އޭނާ އިތުރަށް ބުނީ “ދެން ކިހިނެތް ވަޒީފާގައި ހިތްހަމަ ޖެހިގެން އުޅެވޭނީ، މިއީ އަނެއް ދިވެހިރާއްޖެއިން ދެކެން ބޭނުންވި ކަމެއް ނޫން” މިހެންނެވެ.
އާނއެކެވެ. ވަޒީފާ އަދާކުރާ ގަޑިއަށް ބަދަލުގެންނަ ވާހަކަ އަޑު އިވުމުން ގިނަ ބަޔަކު ތިބީ ހެޔޮ ބަދަލަކަށް އެދި އެދިއެވެ. އެކަމަކު މިއައި ބަދަލަކީ ދަތި އުނދަގޫ ގަޑިއެކެވެ. މިކަމުން ލިބޭނެ ކަމަށް ވިސްނި އެއްވެސް މަންފާއެއް، ފޮނި މީރުކަމެއް މުވައްޒަފުންނަކަށް ނުލިބެއެވެ. މިހެން މިކަހަލަ ކަންތައް ހުރުމުން ދެންނެވޭނީ އޮފީސް ގަޑިއަށް އެންމެ ރަގަޅީ ކުރިން އޮތް ގޮތެވެ. ނުވަތަ ކޮންމެހެން ދޭން ޖެހޭނެ ކަމަށް އެވަކާލާތު ކުރައްވާ 1 ގަޑިއިރުގެ ހުސްވަގުތުކޮޅު 3 އިން 4އަށް ދީފައި ހެނދުނު 8 އިން މެންދުރު ފަސް 3 ޖަހަން ދެން މާރަގަޅުވާނެއެވެ. ކުރިންވެސް މަސައްކަތްކުރީ 7 ގަޑިއިރުއެވެ. މިހާރުވެސް މަސައްކަތް ކުރަން މިޖެހެނީ 7 ގަޑި އިރުއެވެ. އެކަމަކު މެދަށް ލެވޭ 1 ގަޑިއިރުގެ ހުސްވަގުތު ކޮޅަކާއި ހެދި މުޅިދުވަސް ޚަރާބުވަނީއެވެ. މިހެން ވުމުން ދެންނެވޭނީ ހުސްވަގުތުކޮޅު ފަހަތަށް ޖައްސައި ހެނދުނު 8 އިން 3 އަށް އޮފީސް ގަޑި ހެދުމުން ހުރިހާ އެންމެނަށްވެސް ލުއި ފަސޭހަ ވެގެން ދާނެއެވެ. ނޫނީ ހެނދުނު 7 އިން މެންދުރު ފަސް 3 އަށް މެދަށް ހުސްވަގުތު ކޮޅެއްދީ ހެދިދާނެއެވެ. އޭރުން އެއަށްވުރެ މެޔާއި ހިތަށް ފިނިވީހެވެ.
މިލިޔުމާއި ގުޅޭ އިތުރުލިޔުން ވިދާޅުވުމަށް
ވަޒީފާތައް މަދުކުރުން ( 2 ފެބުރުއަރީ 2009 )