ފަޔަރ އެންޑް ރެސްކިއު އަށް ކުރިމަތިލި މީހުންނާއި ބައްދަލުކޮށްފި

( ހަބަރު؛ އަލީ – 9 އޮގަސްޓް 2008 )

ވިލިނގިލީގައި ގާއިމު ކުރަން ހަމަޖެހިފައިވާ ފަޔަރ އެންޑް ރެސްކިއު ޔުނިޓް އަށް ކުރިމަތިލި ފަރާތްތަކާއި އެކު 7 އޮގަސްޓް 2008 ދުވަހުގެ ރޭ އަތޮޅު އޮފީހުގެ ޖަލްސާކުރާ މާލަމްގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ސިފައިންގެ ބޭފުޅުންގެ އިތުރުން އަތޮޅުވެރިޔާ ބައިވެރިވެ ވަޑައިގެންނެވި ކަމަށްވެސް ވަނީ ހަބަރު ލިބިފައެވެ. 40 އެއްހާ ފަރާތަކުން ކުރިމަތިލި މި މަގާމްތަކަށް ހޮވަން ހަމަޖެހިފައި ވަނީ 15 މުވައްވަފަކެވެ. މި ޔުނިޓަށް ކުރިމަތިލި ފަރާތްތަކާއި އެކީ މި ބޭއްވުނު ބައްދަލުވުމަކީ އެކަމާއި ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. އަދި މިކަމަށް ހޮވޭ ފަރާތްތަކަށް އަދި ފިޒިކަލް ޓެސްޓެއްވެސް ބޭއްވޭނެއެވެ. މިއީ ފިޒިކަލީ ވަރަށް ފިޓް ވާންޖެހޭ ބަޔަކަށް ވާތީވެ މިކަމަށްޓަކައި ހާއްސަ ފިސިކަލް ޓެސްޓްތަކެއް ވަރަށް އަވަހަށް ބޭއްވޭނެއެވެ.  އަދި މިއަދު އިންޓަރވިއުގެ ކަންތައް މިހާރު ކުރިޔަށް އެބަދެއެވެ.

މިހާރު ޝީޓު ޕައިލް ނުކުރާގޮތައްބާ؟!

( ރިޕޯރޓު؛ ސާރާ، 24 ޖުލައި 2008 )

ސްނާމީއަށް ފަހު ހިލޭ އެހީދޭ އެކިި ފަރާތްތަކުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށުނު މަރާމާތު މަސައްކަތް ނުވަތަ ތަރައްގީގެ އާ ހަރުފަތްތަކަކީ އެކަމަކުން ވަގުތީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި އެ ޖަމާއަތްތަކާއި ސަރުކާރުތަކުން ވެދިން އެހީތަކެއް ނޫނެވެ. އަދި އެއިގެން ސިޔާސީ ފައިދާ ނެގުމަށް ދެވުނު ލުއި ލޯނާއި އެހީތަކެއްވެސް ނުމެ ނޫންމެއެވެ. އުންމީދަކީވެސް މިއީއެވެ. ގަބޫލުކުރާ ގޮތަކީވެސް މިއީއެވެ. އެކަމަކު ކަންތައް ވެގެން ދަނީ މިހެން ތޯއެވެ.

ސްނާމީއާއި ގުޅިގެން ހައްދަވަން ގަސްދު ކުރެއްވި ސޭފް އައިލެންޑް ސްކޯޕަކީ ކާމިޔާބު ނުވަތަ ފިސިބްލް އެއްޗަކަށް ނުވެ ކުރިންވެސް ކުރިޔަށް ގެންދެވި ބަނދަރުހެދުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުގެ ނަމުގައި ވިލިނގިލީގައި ނިމިގެން ދިޔަ 2007 ވަނަ އަހަރުގެ ތެރޭގައި ފެއްޓުނު ބޮޑު ޕްރޮޖެކްޓަކީ އަޅުގަނޑުމެން ވިލިނގިލީ ރައްޔިތުން އުފަލާއި އެކީ ބަލައިގަތް ކަމެކެވެ. ރަށުގެ ކުދި ބޮޑު އެންމެން އެމަޝްރޫއު ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ދެއްކި ރޫހަކީ މިކަމަށް ބޭނުންވެފައި ތިބި ވަރު އެކަމަކުން ހާމަކޮށްދިން ކަމެކެވެ. އެއީ ކުރިން މަޝްވަރާކުރެވިފައިވާ ގޮތްތަކުގެ މައްޗަށް ރުހި ގަބޫލުވެގެންނެވެ.

އެއީތޯއެވެ. ވިލިނގިލީ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއު ހަމަޖެހި ރައްޔިތުން ބޭނުންވާ ގޮތެއް ހުށަަހެޅުމަށް ފުރުސަތު ދިނުމުން ބޮސްކާލިސްގެ މަޝްވަރާގެ މަތިން ފުރަތަމަ ހެދުނު ޕްލޭން ވަނީ ސަރުކާރުން ގަބޫލު ނުކޮށްފައެވެ. މި ޕްލޭން އަކީ މީގެ އެތަކެއް އަހަރު ކުރިޔަށް ވިސްނައި ފޮނި އުންމީދު ތަކަކާއި އެކީ ވިލިނގިލީގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެކުލަވައިލާފައިވާ ޕްރޮޖެކްޓެކެވެ. ބޮސްކާލިސް އިން ބުނެފައިވަނީ ހަމަޖެހިފައިވާ ބަޖެޓްގެ ތެރެއިން މިމަސައްކަތް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މިހުށަހެޅުން ފާހެއް ނުވިއެވެ. އަދި އެފަރާތުގެ (ސަރުކާރުގެ) ޕްލޭނާއި އެއްގޮތަށް ރަށުގައި މަސައްކަތް ފެއްޓެވިއެވެ. ރަނގަޅެވެ. ކޮންމެ ބަޔެއްގެ ޕްލޭނަކަސް މަސައްކަތް ފެށިއްޖެ ތާއެވެ. މިދެންނެވި ޕްލޭންގައި ހިމެނެނީ އާ ކަނޑިންމަ އަކާއި 4 ލައްކަ އަކަ ފޫޓުގެ ބިން ހިއްކުމެވެ.

ވިލިނގިލީގައި ކުރިން ބޭނުން ކުރަމުން އަންނަ ކަނޑިންމައިގެ އުތުރުން ފުޓުބޯޅަ ދަނޑުގެ ކުރިމަތިން (ހުޅަނގު ފަރާތުން) ކަހަލަ ގޮތަކަށް ހެދުމަށް ހަމަޖެހިފައިވާ ކަނޑިންމައާއި ބެހޭ ގޮތުން މައުލޫމާތު ދެވި މަޝްވަރާކުރެވިފައިވާ ގޮތުން ޓީ ޖެޓީ (ދެ ކަނޑިންމަ ދެމެދު) ގައި ޝީޓް ޕައިލް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ވިލިނގިލީގެ ލޮބުވެތި ރައްޔިތުންނޭވެ. މިދެންނެވި ޓީޖެޓީ އެހެދެނީ ޝީޓް ޕައިލް ކޮށްގެން ތޯއެވެ؟ ނުވަތަ ބޮޑު ހިލަ ޖެހުމަކީ މިހާރު ޝީޓްޕައިލް ކުރާ އާ ގޮތެއް ތޯއެވެ؟

ދެން އޮތީ އަލަށް ހެދޭ ރަށް ނުވަތަ ހިއްކޭ 4 ލައްކަ އަކަފޫޓުގެ ބިމަކީ ވިލިނގިލީގެ މިހާރުގެ ފަސްގަޑުގެ ލެވެލަށްވުރެ ދޮޅު ފޫޓު އުސްކޮށް ހެދޭނެ ބިމެއް ކަމުގައިވެސް ވަނީ ބުނެފައެވެ. އެކަމަކު އެބިން އެއޮތީ ވިލިނގިލީގެ ފަސްގަޑަށް ވުރެ ދޮޅު ފޫޓު އުހުގައިތޯ ނުވަތަ ހިކިދިޔައިގައި މޫދުގެ ލޮނުގަނޑުން ދޮޅު ފޫޓު އުހުގައިތޯއެވެ؟

ސާބަހެވެ. ރައްޔިތުން އެކަމާއި މެދަށް އެއްޗެކޭ ނުބުނާތީވެ (ލިޔުމުން އެކަން އޮފީހަށް އަންގާފައި ނުވާތީ) އެކަމާއި މެދަށް ރަށުގެ ކަމާއި ބެހޭ ފަރާތްތަކުން އަޅައިނުލައި ދޫކޮށްލަންވީ ކީއްވެ ހެއްޔެވެ؟ ނޫނީ އެފަރާތްތަކުން އެވަރު ނުބަލަނީ ހެއްޔެވެ؟ މިކަންތައް ސްޕަވައިޒްކޮށް ނުބަލަހައްޓަނީ ތޯއެވެ؟ ނޫނީ އެފަރާތްތަކުން ބޭނުންވާގޮތް ތޯއެވެ؟

އެނގޭހައިވެސް ކަމަކީ މިފަހަކަށް އައިސް ވިލިނގިއްޔަށް ހަމަޖެހުނު ގިނަ ގުނަ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަމެވެ. އަދި ފެށުނު ޕްރޮޖެކްޓްތައް ވެސް ބޭނުން ގޮތަކަށް ދޫކޮށްލައްވަނީއެވެ.

މީގެ ތެރެއިން ހާއްސަ ދެކަމެއް ފާހަގަކޮށްލާނަމެވެ؛

         ވިލިނގިލީގެ މަގު ހަދާ ޔުނިޓް؛ މިކަމަކީ 2007 ވަނަ އަހަރުގެ ތެރޭގައި ހަމަޖެހި އެކަމަކަށް ބޭނުންވާ ތަކެތި މާލެގެނެވި ވަރަށް ބާރަށް ކުރިޔަށް ދިޔަ ކަމެކެވެެ. އެކަމަކު މިހާރު މިކަމުގެ މަތުން ހަނދާން ހުރި އެކަކުވެސް ނެތެވެ.

         އަލިފާން ނިއްވާ ޔުނިޓް؛ މިކަމަކީ 2007 ވަނަ އަހަރުގެ ތެރޭގައި ހަމަޖެހި އެކަމަކަށް ބޭނުންވާ މުވައްޒަފުންގެ މަގާމް އިތުރު ކުރެވިފައިވާކަމެވެ. އެކަމަކު މިހާރު މިކަންވެސް ފިންދުނި ކާއްތާލާފައި އަލްވަދާއު ކިޔައި ދިޔައީއެވެ.

         ސްނާމީއާއި ގުޅިގެން ހެދޭ ދާއިމީ ހިޔާ؛ މިކަމަކީ ވިލިނގިލި، މާމެންދޫ، ނިލަންދޫ އަދި ދާންދޫގެ 298 ގެއެއް ހިމެނޭ ޕްރޮޖެކްޓެކެވެ. ސްނާމީއަށް ފަހު މިހާރު 4 ވަނަ ރަމަޟާން މަހާއި މިހާރު ކުރުމަތިލަމުން ދާއިރުވެސް އެމީހުން އެތިބީ ވަރަށް ދަތިހާލެއްގައެވެ. މިކަންވެސް އޮތް ހިސާބެއް ދަންނަ މީހަކު ނެތެވެ.

ފެށުނު ޕްރޮޖެކްތަކާއި ދޭތެރޭ ރަށުގައި ތިބި ކަމާއި ބެހޭ ފަރާތްތަކުން އަމަލު ކުރާ ގޮތަކީ މިއީއެވެ. ދެން ރަނގަޅުވާނީ ކޮންކަމެއް ހެއްޔެވެ؟ މިކަމަކީ ހަމަ އެކަނި މިއަދު ލިބިދާނެ ފަސޭހައަށް ވިސްނައި ކުރަންވީ ކަންތައްތަކެއް ނޫނެވެ. އެކަމަކު މާދަމާވެސް އޮތީ ކުރިޔަށެވެ. އާދައިގެ ގޮތަކަށް ނުވަތަ ހަރަދު ކުޑަ ގޮތަކަށް ހެދުމަކީ ހަދަރު ކުޑަ ކުރެވުމެއް ނޫނެވެ. އެކަމު އިރު އިރުކޮޅާއި މަރާމާތު ކުރަން ޖެހުމާއި ދުރު މުސްތަގުބަލަކަށް ހަރަދު ބަރަދު ބޮޑުވެގެން ދިއުމަށް މަގުފަހި ކުރުމެވެ. އިރު އިރު ކޮޅާ މިކަމާއި ބެހޭ ގޮތުން ސަރުކާރާއި މަޝްވަރާކުރަން މަގެއް ކޮށުމެވެ.  އެފަރާތްތަކުގެ ފައިދަށަށް ގެނައުމަށް ގޮތެއް ހޯދުމެވެ.