ތައުފީގު އަކީ އެމްޑީޕީ ނުވަތަ ޑީއާރުޕީ މީހެއްތަ

( ރިޕޯރޓް؛ އިކްލީލު – 25 މެއި 2009 )

ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ގއ. އަތޮޅަށް ކުރެއްވި ދަތުރުގެ ތިރީހަކަށް ގަޑިއިރު ކުރިން އަތޮޅާއި ހަވާލުވެ ވަޑައިގެން ތައުފީގު އަބްދުﷲ މިހާރު ނިސްބަތް ވަނީ ކޮން ޕާރޓީއަކަށް ކަމާއި މެދު ސުވާލު އުފެދެއެވެ. އެމްޑީޕީއަށް ނިސްބަތްވާ ވަރުގަދަ މީހުންނާއި އޮންނަ ވަރުގެ ގުޅުމެއް ޑީއާރުޕީއަށް ނިސްބަތްވާ ފަރާތްތަކާއި އެކު ބާއްވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިސުވާލު އިތުރަށް އުނދަގޫ ކުރުވި ކަމަކީ އިއްޔެ ( 24 މެއި 2009 ) ދުވަހު ތައުފީގު އަބްދުﷲ ވިލިނގިއްޔަށް ވަޑައިގަތުމުން އެމަނިކުފާނު ވިލިނގިއްޔަށް އެރުމަށް އެމްޑީޕީއަށް ނިސްބަތްވާ ހައެއްކަ ފަރާތުން ވަނީ ވަރަށް އަޑު ގަދަ ކޮށްފައެވެ. އެންމެ ބޮޑު އެއް ސަބަބަކީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އަދުނާން ހަލީމަށް ތާއީދު ކުރުމުގެ ބަދަލުގައި އަމިއްލަ ކެނޑީޑޭޓް އަބްދުﷲ ތަސްމީނު އަބްދުލް ހަކީމަށް ތާއީދުކުރައްވަމުން ވަޑައިގެންނެވިކަމެވެ. އެމްޑީޕީއަށް ކާމިޔާބު ނުވީ މިކަމުން ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއްވިއެވެ. އަދި އެފަދަ ވެރިއަކު ރަށަށް ނޭރުވުމަށް ރައީސް ނަޝީދު އަންގަވާފައިވާ ކަމަށްވެސް އެފަރާތްތަކުން ގޮވަމުން ދިޔައެވެ.

މިގޮތުގައި ހިނދުކޮޅެއް ހޭދަވީ ތަނާ ޑީއާރޕީއަށް ނިސްބަތްވާ ފަރާތްތަކަކުން އައިސް ތައުފީގު ރަށަށް އަރުވަން ޖެހޭނެ ކަމަށާއި އެޕާރޓީން ބޭނުން ވަނީ އެވަގުތަކު އޮންނަ ސަރުކާރަކާއި ގުޅިގެން މަސައްކަތްކުރަން ކަމުގައި ބުނެ ނޭރުވުމަށް މަސައްކަތް ކުރި މީހުންގެ މައްޗަށޤ ކުރިހޯދައި ތައުފީގު ވަނީ ރަށަށް އަރުވައިފައެވެ. މީގެއިން އެގުނު ގޮތުގައި އެމްޑީޕީގެ މީހުންނަށް ދަސްވެފައި ހުރީ ރުޅިގަދަކަމާއި ދެކޮޅު ހެދުންކަން ވަނީ އެނގިފައެވެ.

ޒަމާނުއްސުރެ ވިލިގިއްޔަކީ މެހެމާނުންނަށް މެހެމާންދާރީ އަދާކުރާ ރަށަކަށް ވެފައި ހާއްސަކޮށް ސަރުކާރުވެ ވެރިން އިޚުތިރާމާއި އެކީ ބަލައިގަންނަ ބަޔަކަށް ވާތީ ތައުފީގު ބަލައިގެންފައި ވަނީ އެރޫހުގައެވެ.

Advertisements

Copy of DSC08103

ގަވާއިދާއި ޚިލާފަށް އަޅާފައިވާ ދުވެލިމަތަ ޒުވާނުން ރުޅިއަރުވައިފި

(އަވަސް ހަބަރު؛ އީސަ – 22 މެއި 2009 )

ގއ.ވިލިނގިލީގެ ބައެއް މަގުތަކުގައި ގަވާއިދާއި ޚިލާފަށް ބަޔަކު ސްޕީޑް ބްރޭކަރުތަކެއް ހެދުމުގެ ސަބަބުން ވިލިނގިލީ އިރުމަތީއާގެ އާއިލާގެ މީހުންނާއި ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ ފުލުހުންނާއި ދޭތެރޭ ކުރިމަތިލުންތަކެއް މިއަދު 22 މެއި 2009 ދުވަހު ) ހިނގައިފިއެވެ. މިކަން ހިނގައިދިޔައީ ގއ.ވިލިނގިލީ އިރުމަތީއާގޭ (ކާމިލު ގޯތި) މަގުގައި ސްޕީޑް ބްރޭކަރުތަކެއް (ރުއްގުޅިތަކެއް) ހެދުމާއި ގުޅިގެން ވެހިކަލްތަކަށް އެމަގުން ދަތުރުކުުރުމަށް އުދަގޫވާތީއެވެ. ރަށުގެ ޒުވާނުންވަނީ އެކިފަހަރު މަތީން ވިލިނގިލީ އޮފީހަށްގޮސް މިކަންތައް ރަގަޅު ކުރުމަށް އޮފީހުގައި އެދިފައެވެ. ނަމަވެސް އޮފީހުން އިރުމަތީއާގޭ އާއިލާއަށް ތަކުރާރުކޮށް އެންގުމުން އެ އެންގުމާއި ޚިލާފުވެ އިތުރު ސްޕީޑްބްރޭކަރުތައް އެމަގުގައި ހަދަމުންދާތީ، ރަށުގެ ޒުވާނުންވަނީ އިރުމަތީއާގޭ މަގުގައި ގަވާއިދާއި ޚިލާފަށް އަޅާފައިވާ ސްޕީޑްބްރޭކަރުތައް ނުނަގައިފިނަމަ ރަށުގެ ތަފާތު އެކިމަގުތަކުގައި ސްޕީޑްބްރޭކަރުތަކެއް އަޅާނެކަން އަންގާ (ރުއްގުޅިތަކާއި އެޅިގާތައް އަތުރައިގެން ހަދާފައިވާ) މިގޮތަށް އަމަލުކޮށްފައެވެ. ހުކުރުވަގުތުން ފެށިގެން ހަވީރު ވަގުތާއި ޖެހެންދެން ކުރި މަސައްކަތުން ރަށުގެ ބައެއް ޒުވާނުންވަނީ ހުރިހައި މަގެއްގައިހެން ގަވާއިދާއި ޚިލާފަށް ދުވެލިމަތަ އަޅައިފައެވެ. މިކަމާއި ގުޅިގެން މަގުގައި އަޅާފައިވާ ރުއްގުޅިތައް ނެގުމަށް ފުލުހުންގެ ބޭފުޅުން ދުރުވެ ނަސޭހަތްދެއްވުމުން އެކަން ގަބޫލުނުކޮށް އެބޭފުޅުންނާއި ދިމާކޮށް ތަޅައިގަތުމަށް ތައްޔާރުވެ ހިނގިކުރިމަތިލުން ތަކުގައި ބައެއް ފުލުހުންގެ ބޭފުޅުންނާއި މި ހާދިސާ ކަވަރކުރުމަށް ހަރަކާތްތެރިވި ޓީވީއެމްގެ ނިއުސްކާސްޓަރ އަށް ކޮންމެވެސް ވަރަކަށްއަނިޔާވެފައިވއެވެެ.

މިކަން މިހާ ނުރައްކާތެރި ކުރިމަތިލުމަކަށް ބަދަލުވެގެން ދިޔުމާއި ގުޅިގެން ވިލިނގިލީ ޕްލިސްސްޓޭޝަނުންވަނީ ގދ.ތިނަދޫގައިވާ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. ތިނަދޫ ފުލުހުންގެ މަރުކަޒުގެ ބޭފުޅުންނާއި ވިލިނގިލީ ފުލުހުންގެ މަރުކަޒުގެ ބޭފުޅުން ގުޅިގެން މިއަދު ހަވީރު 5 ޖަހަން އުޅެނިކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދެންނެވި ރުއްގުޅިތައް ވަނީ ނަގައިފައެވެ. ސްޕީޑު ބްރޭކަރ (ވަޅުލާފައިވާ ރުއްބުރިތަކާއި، މަގު ހުރަސްކޮށް އަޅާފައިވާ ރުއްބުރިތަކާއި، މަގު ހުރަހަށް ކޮނެފައިވާ ކަންޒުތަކާއި، މަގު ހުރަހަށް ހަދާފައިވާ އުސްގަނޑުތައް) ނެގުމުގެ މަސައްކަތް ފުލުހުން ފުރަތަމަ ފައްޓަވާފައި ވަނ އިރުމަތީއާގެ އާއި ދިމާލުން މަގުގައި އަޅާފައިވާ ސްޕީޑް ބްރޭކަރުންނެވެ. (ރަށުގެ އެކި ދިމަދިމާގައި ރުއްބުރިތައް އަޅައި މަގުތައް ބައްދުވާން ދިމާވި ސަބަބަކީ މިރުއްބުރިތައް ނެގުމަށް އެތައް ފަހަރެއްގެ މަތިން އެފަރާތަށް ނަސޭހަތްތެރިވެ ނުނެގުމުންނެވެ.)

ފުލުހުންގެ މަސައްކަތުން މިރުއްބުރިތައް ވަނީ ނަގާފައެވެ. ފުލުހުން މަސައްކަތް ކުރައްވަމުން ދިޔަ އިރު އެގޭގެ ވެރިފަރާތުން އެކަމަށް ހުރަސްއަޅަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެރުއްބުރިތައް ނެގުމަށް ފަހު އެހެން ރުއްބުރިތައް ވެސް ފުލުހުން ވަނީ ނަގާފައެވެ.

މިފަދަ ކަންތައްތަކަކީ ސައިކަލާއި އެހެނިހެން ވެހިކަލްގައި އުޅޭ ފަރާތްތަކަށް ދަތި އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަކަށް ވާތީ މިފަދަ ކަންކަމުން އެތަކެއް ގެއްލުމެއް ލިބިގެންދާނެ ކަމެކެވެ. ހަމަ މިއާއި ވިދިގެން ދަންނަވަން އޮތީ ތިމަންނާއީ މާވަރުގަދަ މީހެކޭ ހިތައި ކަމާއި ބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ހުރިމަތްތެރިކޮށް ނުހިތައި އުޅެންވެއްޖެ ނަމަ މިއަށްވުރެ ލަދުވެތި ގޮތަކަށް ނިމިގެން ހިގައިދާނެ ކަމެވެ. އަދި މިއީ ތިމަންނަމެން ހޮވާފަ އޮތް ސަރުކާރެކޭ ބުނެ އަޑު ހަރުކުރިއަސް ސަލާމަތީ ބާރުތަކާއި ހަމަޔަށް ދިއުމުން ސަރުކާރެއް އެހެން އެއްޗެއް ނޯންނާނެއެވެ. އެއިރުން އޮންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމެވެ.

މާބަނޑު އަންހެނުންގެ އުދާސް

( ރިޕޯރޓް؛ އިދުރީސް – 19 މެއި 2009 )

ގއ. އަތޮޅު ހޮސްޕިޓަލަކީ ބާރަ ހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ހުވަދު އަތޮޅު އުތުރުބުރިއަށް މަރުކަޒީ ސިއްޙީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އިދާރާއެވެ. މިތަނުގެ ޒިންމާ ނުވަތަ މެންޑޭޓްގެ ތެރޭގައި މުޅި އަތޮޅުގެ ސިއްހީ ހިދުމަތް މޮނިޓަރކޮށް ބެލެހެއްޓުމާއި ފުރިހަމަ ގޮތެއްގައި ސިއްޙީ ޚިދުމަތް ވިލަރެސްކޮށް ބެލެހެއްޓުން ހިމެނެއެވެ.

އަތޮޅު ހޮސްޕިޓަލާއި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަސްމާ އަބްދުﷲ ހަވާލުވެލެއްވުމުން އަޅުގަނޑުމެން ވަރަށް ބޮޑު އުންމީދުތަކެއް ކުރީމެވެ. އެއީ އެތާނގައި ގިނަ ދުވަސްތަކަކު އުޅެއްވުމަށް ފަހު، އެތާނގެ ހާލަތާއި، ވިންދު އަދި އިހްސާސް ރަގަޅަށް އެނގޭނެ މީހަކު އެތަނަށް އައުމުން އެތާނގެ ހިދުމަތްތައް ރަނގަޅުވެގެންދާނެ ކަމުގެ އުންމީދެވެ. އިސްލާޙުކުރަންވީ ކަންތަކާއި ބޮއްސުންލާފައި ހުރި ކަންތައް ހަމަ މަގުން އަޅުވާނެ ކަމުގައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އަޑު އިވިގެން ދިޔައީ އަތޮޅު ހޮސްޕިޓަލަށް ގައިނީ ދެ ޑޮކްޓަރުން ގެންނަވައި އެތާނގެ ހިދުމަތް ފުޅާކުރެއްވި ކަމަށެވެ. މިބޭފުޅާ މިތަނާ ހަވާލުވެ ހުންނަވައި ފުރަތަމަ ފަހަރަށް 2 ގައިނީ ޑޮކްޓަރުން ހޮސްޕިޓަލުގައި ހިދުމަތް ދޭން ފެށިފައިވާ ކަމުގެ ތަސައްލީ އާންމުނަށް ދެއްވަމުން ގެންދެވިތަން ފެނިގެން ދިޔައެވެ. އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އެނގުނު ގޮތުގައި މިގެނެވުނު ޑޮކްޓަރަކީ މިތާނގަ ހުންނެވި ގައިނީ ޑޮކްޓަރ ބޭސްފަރުވާއަކަށް މާލެ ދިއުމަށް ޗުއްޓީއަށް ފޮނުވުމަށް މިތަނަށް ވަގުތީ ގޮތުން ގެނެވުނު ޑޮކްޓަރެއް ކަމެވެ.

މިހާ ހިސާބުން އަލަށް ލިބުނު ޑޮކްޓަރުގެ ވަނަވަރަށް ބަލައިލާނަމެވެ. މިޑޮކްޓަރަކީ މީގެ ކުރިން ލ. އަތޮޅުގައި މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ. އެތާނގެ ބަލިމީހުންނަށް މީނައަށް ކެތް ނުކުރެވިގެން މީނަ ފައްސާލީމަ މިތަނަށް ފޮނުވީ ކަމަށް މިސައިޓަށް މައުލޫމާތު ލިބިފައިވެއެވެ. މިދެންނެވި ގައިނީ ޑޮކްޓަރ (ޑރ. ލަކްޝަމީ) މިތަނަށް ދުރުވެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރެއްވި ކަމަކީ މިތާނގަ ހުންނެވި ގައިނީ ރަޝިޔާ ޑޮކްޓަރުގެ އަންހެނުނަށް ހަމަލާ ދިނުމެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން ބަނޑުގައި އަތުން ޖަހައިފައިވެއެވެ. އަދި ހޮސްޕިޓަލުގެ ރިސެޕްޝަން ކައިރީ ހުއްޓާ ކޮށްޕާ ވައްޓާލައިފައިވެއެވެ. މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ މެނޭޖްމަންޓަށް (އަސްމާ އަބްދުﷲ) އަށް ވަނީ މިމައްސަލަ ހުށަހަޅާފައެވެ. އެކަމަކު މިއަދާއި ހަމަޔަށް އައި އިރުވެސް މިކަމަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މިތާނގަ ހުންނެވި ރަޝިޔާގެ ގައިނީ ޑޮކްޓަރ ބޭސްފަރުވާއަކަށް މާލެ ދިއުމަށް ފަހު އަނބުރައި އަތޮޅު ހޮސްޕިޓަލަށް އަންނަން ބޭނުން ވަނީ ކުރިން ހުށަހެޅުނު މައްސަލައަށް ފިޔަވަޅެއް އެޅުމުންނެވެ. މިހެންވުމުން މިކަމަށް ފިޔަވަޅެއް ނޭޅި ގިނަ ދުވަސްވުމުން މިހާރު އެޑޮކްޓަރ ވަނީ އެހެން އަތޮޅަކަށް ފޮނުވާލައިފައެވެ.

މިހާރު ހުންނެވި ޑރ. ލަކްޝަމީ އަކީ ތަނަކުން ބޭރުކޮށްފައިވާ ޑޮކްޓަރަކަށް ވުމުން މިހާރު ކަންތައް ވަމުންދާގޮތް ބަލައިލަމާ ބަހީއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި މީނަ ޑޮކްޓަރެއްގެ ސުލޫކީ މިންގަނޑަށް ނުފެތޭ ކަމަށް ބަލައިލާނަމެވެ. އެގޮތުން ވާހަކަ ދައްކާ އިރު ބަލިމީހާ އިތުރަށް ބަލި ބޮޑުވާ ގޮތަށް ވާހަކަ ދެއްކުން ހިމެނެއެވެ. ބަލިމީހުން ބިރުގަންނަވައި ނެތް ކަންތައްތަކުގެ ވާހަކަ ދައްކައި ނަފްސާނީ ގޮތުން ބަލިކުރުވައެވެ. ފުރަތަމަ ފަހަރަށް ޕްރެގްނެންސީއަށް ޕްޒިޓިވްވެގެން ދެއްކުމުން މާބަނޑު މީހާ ފެނުމުން ނުވިހާނެ ކަމަށް ބުނުމާއި މެޑިކަލް ރިޕޯޓްތައް ގަބޫލުނުކުރުން ހިމެނެއެވެ. މިކަމާއި ބިރުން މިހާރު އެމީހުން ވަނީ ޑޮކްޓަރަށް ދެއްކުމަށް މާލެވެސް ގޮސްފައެވެ. ހަމަ މިބީދައިން ބަލާއިރު މާބަނޑު މީހަކަށް ބާރުގަދަ ބޭސް (ބަސްކޮފަން) ދީފައި ވެއެވެ. ބަނޑުގަ އޮތް ކުއްޖާ މަރުވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އެކަމަކު އެކަން ސީރިއަސް ކޭސްއަކަށް ނުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އަޅާނުލައި ބޭއްވީއެވެ. ނުވިތާކަށް މިތާނގަ ބޭނުންކުރަމުން އައި ސްކޭން މެޝިން ހަލާކު ކުރުމަށް ފަހު އޭގެ ދެވަނަ މެޝިން ވެސް ވަނީ ހަލާކު ކޮށްފައެވެ. މިޑޮކްޓަރަށް ސްކޭން މެޝިނުން ސްކޭން ކުރާކަށް ނޭނގެއެވެ. އަދި ގިނަ ފަހަރަށް ބަލިމީހާގެ ބީޕީ ބަލަނީވެސް ތަރުޖަމާނުލައްވައެވެ. މިހާވެސް މީނާގެ ތުއިކަން ބޮޑެވެ. މިކަހަލަ ގިނަ ސަބަބުތަކާއި ހެދި މިތަނަށް ކުރިން ދައްކަމުން އަންނަ އެންމެން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ދައްކަން ވަނީ ފަށާފައެވެ. މިހެންވުމުން ކޮންމެ މަހަކު ދިހަބާރަ ހާސް ރުފިޔާ މިކަމަށް ހޭދަކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން މިރަށުގައި މިހާރު ތިބި ތިރީހަކަށް މާބަނޑުމީހުން ވަނީ ހަދާނެ ގޮތެއް ނެތި ގޮތް ހުސްވެފައެވެ.

މިކަމާއި ހިތްދަތިވެގެން އެތަކެއް މާބަނޑު މީހަކު ވަނީ އެކި ތަންތަނަށް ގުޅައި މަސައްކަތް ކޮށްފައި ކަމަށް އަޅުގަނޑުމެންނަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިކަމާއި ގުޅޭ ޕެޓިޝަނެއް ވަނީ ހެލްތް މިނިސްޓަރަށް ހުށަހަޅާފައެވެ. ނަމަވެސް މިކަމާއި  އަދި އަޅައިލެވިފައެއް ނެތެވެ. މާބަނޑު މީހުންގެ ޝަކުވާ އަކީ މިތަނަށް މިނޫން ގައިނީ ޑޮކްޓަރަކު ފޮނުވައި ދިނުމެވެ. ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި ކުއްވެރިން ހިމާޔަތްކުރާ ބައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ހިއުމެން ރައިޓްސް ކަމިޝަނަށްވެސް މިކަމާއި އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެދި ގޮވައިލަމެވެ. މިއީ މިވަގުތު ވިލިނގިލީގައި ތިބި 35 މާބަނޑު މީހުންނާއި އަތޮޅުގެ 10 ރަށުގައި ތިބި އެތަކެއް މާބަނޑު މީހުންގެ ރައްކާތެރިކަމާއި، ދަރިންގެ މުސްތަގުބަލާއި ގުޅިފައިވާ ކަމަކަށް ވާތީއެވެ. އިންސާނީ ހައްގަކަށް ވާތީއެވެ.

މިކަމާއި ގުޅުން ހުރި އިތުރު ކަމެއްގެ ވާހަކަވެސް ތިޔަ ބޭފުޅުންނާއި ހިއްސާކޮށްލާނަމެވެ. މީނަގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން މުޅި އަތޮޅުގެ ސިއްޙީ ހާލަތު ވަނީ ގޯހުން ގޯހަށް ގޮހެވެ. މިދެންނެވި ކަހަލަ އެތަކެއް މައްސަލަ މިތާނގައި ޖެހިފައި ހުރުމުން ރައްޔިތުން ނިކުމެ މިތަނުން އަސްމާ އަބްދުﷲ ފަހައި ބޭރުކޮށްލަފާނެ ކަމުގެ ބިރު ހީވުމުން އަވަހަށް މިތަނުން ފިލަންވެގެން  މިހާރު ތައްޔާރުވަމުން އެބަދެއެވެ. އެގޮތުން މިތާނގަ ކުރިން ހުންނެވި އަހުމަދު ނާސިރު މިތަނަށް ބަދަލުކުރަން މަސައްކަތްކޮށްދިނުން އެދި އަސްމާ ވަނީ އަބްދުﷲ ތަސްމީނު އަބްދުލް ހަކީމުއާއި ވަރަށް ސިއްރު ގޮތަކުން ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. ވިލިނގިލީގެ މާބަނޑު އަންހެނުން ފަށާފައިވާ މަސައްކަތަށް އަތޮޅުގެ ހުރިހާ ރަށަކުން އެއްބާރުލުން ދިނުމަށް ގޮވައިލަމެވެ. އަދި މިކަމުގައި ސަރުކާރުން އިޙްމާލު ނުވުމަށް ވެސް ގޮވައިލަމެވެ.

މިފަހަރު ސައިތައްޓަކަށް ނޫން

( ޚަބަރު؛ ދެރަހަ – 11 މެއި 2009 )

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އުފެދުނު ފަހުން މަޖިލީހުގެ ގޮނޑީގެ އަދަދު 77 އަށް ބަދަލު ކުރެވުނު ފަހުން ބޭއްވޭ ފުރަތަމަ އިލެކްޝަން މިހަފްތާގެ ހޮނިހިރު ދުވަހު ވަނީ ބޭއްވިފައެވެ. ކުރިން މުޅި އަތޮޅު ހިއްސާކުރަމުން ދިޔަ ވާދަވެރިކަން މިހާރު ވަނީ ވިލިނގިއްޔާއި ކޮލަމާފުއްޓަށް ކުޑަ ވެފައެވެ. ވާދަކުރާނެ ދާއިރާ ވަނީ ހަނިކުރެވިފައެވެ. ކޮންމެ ގޮތަކަށް މިކަންތައް ވިޔަސް މިދާއިރާއަށް ވެސް 8 ފަރާތަކުން ވަނީ ކުރިމަތިލައްވައިފައެވެ.

ފޯރިއާއި އަޒުމުގައި މިހުރިހާ ކެންޑިޑޭޓުން ވަނީ ތާއީދު ހޯދަން މަސައްކަތް ކޮށްފައެވެ. އަދި އެހެންމެ ގިނަ ގުނަ ހޭދަކޮށްފައެވެ. އެއްބަޔަކު 10 މިލިޔަން ހޭދަކުރި އިރު އަނެއް ބަޔަކު ތިރީހަކަށް މިލިޔަން ރުފިޔާ ވަނީ ކެމްޕެއިނަށް ޚަރަދުކޮށްފައެވެ. އެކި ނަންނަމުގައި އެކިގޮތަށް ބަހައިފައެވެ. ބައެއް ފަހަރު ހަދިޔާއެކޭ ބުނަމުން ދިއްކޮށްލައެވެ. އަދި އަނެއްބައި ފަހަރު ވޯޓުލުމަށް ޝަރުތުކޮށް ވަނީ ނަގުދު ދީފައެވެ. މިގޮތުން އެއްބަޔަކު ނަގުދު ފައިސާ ދިންއިރު އަނެއް ބަޔަކު ގެ އިމާރާތްކުރާނެ ކަމަށް ވައުދުވުމާއި، ގެތަކުގެ ޝީޓު އަޅައިދިނުމާއި، ފާރު ރޭނުމާއި، ކަށިވެއްޔާއި ދޮންވެލި ގެޔަށް ފޮނުވުމާއި، މަސައްކަތު މީހުން ފޮނުވައި މަސައްކަތް ކުރުވުމާއި މިފަދަ ކިތަންމެ ކަމެކެވެ.

ތާއީދު ހޯދުމަށް ފައިސާ ހޭދަކުރަމުން ދިޔަ އިރު ކެމްޕެއިން އޮފީސްތަކުން އަންހެންވެރިންނާއި ބަސްވިކޭ ބައެއް މީހުން ގޭގެއަށް ގޮސް ވޯޓުދޭންވީ ފަރާތް ވިސްނުވައިދޭން މަސައްކަތް ކޮށްފައިވެއެވެ. ކެންޑިޑޭޓުން އަމިއްލަ ފުޅަށް ގޭގެއަށް ގޮސް މީހުންނާއި ބައްދަލުކޮށް ވިސްނުވައިދޭން މަސައްކަތް ކޮށްފައި ވެއެވެ. އެކުވެރިންނާއި ރުހުން ލިބިފައިވާ ފަރާތްތަކުން ތާއީދު ހޯދުމަށް ވަރަށް ބުރަ މަސައްކަތެއް ވަނީ ކޮށްފައެވެ.

ތާއީދު ހޯދުމާއި ތާއީދު ގެއްލުވާލުމަށް އެކި ފަރާތްތަކުން ބޭނުންކުރެވިފައި ވަނީ އެކު އުކުޅުތަކެވެ. އެގޮތުން ކޮލަމާފުށީގައި އެރަށުގެ މީހަކު ނޫން މީހަކަށް ވޯޓު ނުދިނުމުގެ ވެއްޓެއް ގާއިމުކުރަން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެއްބަޔަކު އަނެއް ބައެއްގެ ބަލިފައި ދެއްކުމަށް ކަރުދާސް ބަހައިފައިވެއެވެ. އަދި ތާއީދު ހޯދުމަށްވެސް އެބީދައިންނެވެ.

ވޯޓުގެ ނަތީއްޖާއަށް ބަލައި ވިސްނުނު ކަންތައްތަކެއް ވެއެވެ. އަދުނާން ހަލީމަށް މިއިންތިޚާބު ކާމިޔާބު ނުކުރެވުނު އެންމެ ބޮޑު އެއްސަބަބަކީ އެމްޑީޕީގައި މަސައްކަތް ކުރުމަށް ފަހު ޖުމްހޫރީ ޕާރޓީއާއި ގުޅުމަށް ފަހު އަނެއްކާވެސް އެމްޑީޕީއާއި ވަނީ ގުޅިފައެވެ. މިހެންވުމުން ޕާރޓީގެ މެދުގައި އޭނާއަށް ތާއީދު ކުޑަވީއެވެ. އަދި ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގެންނެވީ މުޅިން އެހެން ބޭފުޅެކެވެ. އަބްދުﷲ ތަސްމީނު އަބްދުލް ހަކީމު މިދާއިރާއަށް ކުރިމަތިލެއްވީ ރައީސް ނަޝީދުގެ އަރިހުގައި ބަސްވިކޭ މީހެއްގެ ނުފޫޒުގައެވެ. އަދި ޕާރޓީ ޓިކެޓް ނުލިބުމުން އަމިއްލަ ނަމުގައި ކުރިމަތިލެއްވީ ރައީސް ތާއީދުކުރައްވާތީއެވެ. އެއަރޕޯރޓް ޕްރޮޖެކްޓްވެސް ގޮތްގޮތަށް ބަދަލުކުރީ މިކަމާއި ވިއްދައެވެ. މިކަހަލަ ކަންތައް ހުރުމުން އެހާވަރުގެ ތާއީދެއް ވަނީ ނުލިބިފައެވެ. ފުއާދު ޒާހިރު އެންމެ ފަހު ވަގުތުގައި ތަސްމީނުއާއި ގުޅިގެން އޭނަގެ ތާއީދު އެފަރާތައް ދޫކޮށްލީއެވެ. ރިއްފަތު ގާސިމް އަދުނާން ހަލީމްއާއި ގުޅިގެން އޭނަގެ ތާއީދު ދޫކޮށްލީއެވެ. ސަމީރު އަހުމަދު އާއިލާއަށް ރަށުގައި ތާއީދު ނެތުމުން ތާއީދު އިތުރު ކުރެވޭ ގޮތެއް ވަނީ ނުވެފައެވެ. އަބްދުﷲ ޖާބިރަށް ތާއީދު ނުލިބުގައި ވަނީ ހަމަ އެންމެ ސަބަބެކެވެ. އެއީ ކުރީ ފަހަރު ހޮވުމުން ބުނެފައިވަނީ ތިމަންނަ ވޯޓު ގަތީ ކަމަށާއި، އެމީހުން ސައިތައްޓަކަށް ވޯޓު ވިއްކާލީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ކުރީ ފަހަރު ޖާބިރަށް ވޯޓު ދިނީ އޭނގެ ފަރާތުން އަތޮޅަށް އުންމީދުތަކެއް، ކުރިއެރުންތަކެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ. މިފަހަރު ރައްޔިތުން އެކަން ޖާބިރަށް ދައްކައިފިއެވެ. ޖާބިރު ކުރީ ފަހަރަށްވުރެ ގިނައިން ވޯޓު ހައްގުވާ ދެހާސް މީހުންނަށް ވަނީ ހޭދަކޮށްފައެވެ. އެކަމަކު ވޯޓު ކުރީ ފަހަރަށްވުރެ ދަށްވީ އެއްޗެއް ވިސްނުވައި ދިނުމުގެ ބޭނުމުގައެވެ. ކޮތަރު ބައިގަނޑަށް ހަނޑޫ އުކުމުން އަޔަށް ގޮތެއް ބަދަލު ނުކުރާނެ ކަން ވަނީ މިފަހަރު ދައްކުވައިފައެވެ. މިފަހަރަކު ސައިތައްޓަކަށް ވޯޓެއް ހަމަ ނުދިނެވެ.

މުހައްމަދު ރާމިޒު މިދާއިރާ ކާމިޔާބު ކުރުމުގައި ތަފާތު ގިނަ ސަބަބުތަކެއް ވެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ ރަށު ފޯރި ނުވަތަ ވަތަނީ ލޯބި ޖެހުމެވެ. ކޮލަމާފުށީ މީހުން ވިލިނގިލީގެ މީހަކަށް ވޯޓު ނުދިނުމަށް ގޮވައިލުމުން އެކަމުގެ ބަދަލުގައި ވިލިނގިލީ މީހުން ތާއިދުކުރީ ޒަމާންވި އެކުވެރި މައުމޫނަށެވެ. ސަރުކާރުގެ މެމްބަރަކަށް ސަރުކާރު ޒިންމާ ނުކުރެވޭނެތީ އިދިކޮޅު މެމްބަރަކު ހޮއްވެވީއެވެ. ސައިތައްޓަކަށް ނުވިކި ވަތަނީ ލޯބި އިސްކުރީއެވެ.  

175 ދުވަސް ފަހުން

( ޚުލާސާ ރިޕޯރޓް؛ އިދުރީސް – 05 މެއި 2009 )

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ނިމިގެން ދިޔަ އަހަރު ނިމެމުން ދަނިކޮށް ވާދަކޮށް ކާމިޔާބު ކުރެއްވީ މުހައްމަދު ނަޝީދު ނުވަތަ އެންމެން ދަންނަ އަންނިއެވެ. ރައީސް ކަމަށް ކެމްޕެއިން ކުރެއްވި އިރު ވަނީ ރިޔާސީ ބޮޑެތި ބޮޑެތި ވައުދުތަކެއް ކުރައްވާފައެވެ. އެކަމަކުން ރައްޔިތުންގެ ހިތުގައި އުންމީދުތަކެއް އާކުރުވައިފައެވެ. ގިނަ ޕާރޓީތަކުން ވާދަކޮށް ފަހުން އިއްތިހާދުވީ ބަދަލަކަށް އެދިގެންނެވެ. މަރުހޫމް ދޮހޮއްކޮބެ ވިދާޅުވިހެން “މިނޫން ދުވަހެއް” ފެނުމުގެ ބޭނުމުގައި އެންމެ އިއްތިހާދާއި ގުޅި އެކޮޅު ކާމިޔާބު ކުރުވިއެވެ.

ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ދައުލަތުގެ މާލިއްޔަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށް ވިދާޅުވިތަނުން ކުރީގެ ރައީސް ވިދާޅުވެފަ ވަނީ 250 މިލިއަން ޑޮލަރ ހުންނާނެ ކަމުގައެވެ. އެކި ފަހަރު މަތިން ކުރީގެ ރައީސް ސަރުކާރަށް ޚިޔާނާތްތެރިވެފައިވާ ކަމަށާއި ސަރުކާރުގެ މުދަލާއި މާލު ނަހަމަ ގޮތުގައި ބޭނުންކުރައްވާފައިވާ ކަމުގައި ވަނި ވިދާޅުވެފައެވެ. އެކަމަކު އަދި ވަނީ މިކަންތައް ސާބިތު ނުވެފައެވެ.

ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށްރަށަށް ވަޑައިގެންފައެވެ. މިރަށްރަށަށް ކޮށްދޭނެ ކަމަށް ވިދާޅުވެފަ ވަނީ އެއް މިލިއަން ދެމިލިއަނެއްގެ ވައުދެއް ނޫނެވެ. އެކަމަކު ދެތިން ސަތޭކެ ބިލިއަން ޑޮލަރުގެ ކަންތައް ކޮށްދެއްވާނެ ކަމުގެ ވައުދު ވަނީ ވެފައެވެ. މިއިން އެއްވެސް ކަމަކީ އަދި އެފަދަ ޕްލޭނެއް ހެދިފައި ހުރި ކަމެއް ނޫނެވެ. ކަމާއި ބެހޭ ސާރވޭ އެއް ހެދިފައި ނެތެވެ. ކަމާއި ބެހޭ އެކަށޭނަ ޕްލޭނެއް ހެދިފައި ނެތެވެ. ވައުދަކަށް ފަހު ވައުދެކެވެ.

ރައީސް ނަޝީދު އައްޑު އަތޮޅުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވެފަ ވަނީ މިއީ ސީދާ އިންތިހާބަށް އަމާޒުކޮށް ކުރާ ކަންތައް ތަކެއް ކަމުގައެވެ. އަދި ވޯޓު ދެއްވާށެ ވަނީ ފާޅުގަ ވިދާޅުވެފައެެވެ. އެކަމަކު އިހަށްދުވަހު މިއަތޮޅު ދެއްވަދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވެފަ ވަނީ ރާއްޖޭގަ ތިބީ ހައެއްކަ ޑްރަގް މާސްޓަރުން ކަމުގައެވެ. ގައުމީ ސަލާމަތާއި ގުޅުން ހުރި މިކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އިލެކްޝަނަށް ނުފޫޒު ފޯރުވަނީ ކަމަށް ބުނެފާނެތީ އެމީހުން މިހާރަށް ބަންދެއް ނުކުރާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ތިމަންގެ ޕާރޓީގެ މީހުން އައިސް ކަމަށް އެދުމުން އެކަމެއް ކޮށްދެއްވާނެ ކަމުގައެވެ. އެކަމަކު އިދިކޮޅު ފަރާތަކަށް ތިމަންނަގެ ނުލަފާކަން ދައްކާނެ ކަމުގައެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވާނެ ކަމުގައެވެ.

ރައީސް ނަޝީދު ރަށްރަށަށް ވަޑައިގެން އެންމެ އާންމުކޮށް ކުރައްވާ ވައުދަކީ މިރަށުގައި ނަރުދަމާގެ ނިޒާމް ގާއިމުކޮށްދެއްވާނަން، މީރު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސާނަން، ފްލެޓް އަޅައިދޭނަން، މަގު ހަދާނަން، ފެރީ ނިޒާމަކުން ގުޅައިލާނަން، ޔުޓިލިޓީ ކުންފުނި އުފައްދައި އެއިގެން ހިދުމަތްތައް އައްފޯރާ ފަށަށް ގެނުވާނަން މިފަދަ ވައުދުތަކެވެ. ހަމަ އެހެންމެ ޕްރައިވަޓައިޒޭޝަންގެ ތިންވަނަ މާނައިގެ ދަށުން ހިދުމަތްތައް ޕައިވަޓައިޒް ކުރައްވަން ވަނީ ނިންމަވާފައެވެ. އެގޮތުން އެއަރޕޯރޓްތަކާއި، ހޮސްޕިޓަލް ތަކާއި، ޕަވަރ ހައުސްތަކާއި، ސްކޫލްތަކާއި، ނަރުދަމާ، މަގުހެދުން، ފަޅު ކޮނުން މިފަދަ މިފަދަ ކަންތައް ހިމެނެއެވެ.

ސުވާލަކީ މިކަމުން ރައްޔިތުންނަށް ލިބިގެންދާނީ ކުރިއެރުންތީ ނުވަތް ނޫންތޯއެވެ؟ ނުވަތަ ގައުމާއި ދަތުރުކުރަން ބޭނުންވި މިސްރާބާއި ދިމާއަށްތޯއެވެ؟

ބުނާ ބަހާއި ކުރާ ކަންތައް

( ރިޕޯރޓް؛ އަލީ – 03 މެއި 2009 )

ރައީސް ނަޝީދު ވިދާޅުވާ ބަސްބަހާއި ކުރައްވާ ކަންތައް ގިނަ ފަހަރަށް ދިމަލެއް ނުވެއެވެ. ރައްޔިތުންގެ ވެރިކަމެކޭ ކިޔައި ފައިނަގައިގަތް ވެރިކަމުގެ ވަކި ހިސާބަކުން އަޅުގަނޑުގެ ހުރި ނުލަފާކަން ދައްކާލާނަމޭ ބުނެ ރައްޔިތުންނަށް ބިރުދައްކަން ވަނީ ފައްޓަވައިފައެވެ. ޕާރޓީގެ މެންބަރުންނަށް ތާއީދު ހޯއްދަވަން ނުކުމެ ވަޑައިގެން މިކަންތައްތައް އިއުލާން މިކުރައްވަނީ ސީދާ އިންތިހާބަށްޓަކައި ކަމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންތިޚާބަށް ނުފޫޒު ފޯރުވާނެ ކަމަށް ވިދާޅުވެފަ، އިހަކަށް ދުވަހު ދެއްވަދޫގަ ވިދާޅުވީ އެކަން އެގޮތަށް ކުރުމުން އިންތިޚާބަށް ނުފޫޒު ފޯރުވަނީ ކަމުގަ ހީވެދާނެޔޭ ބުނެ ޑްރަގްގެ މުގޫ ކަމުގައި އެމަނިކުފާނު އެ ވިދާޅުވާ ހައެއްކަ މީހުން ހައްޔަރު ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމަ މިބީދައިން އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަ ކުރާނެ ފަރާތެއް ކަނޑައަޅާނީ ޕާރޓީގެ ޕްރައިމަރީސްގައި ކާމިޔާބުވާ ފަރާތެއް ކަމުގައެވެ. އެކަމަކު މިހާރު އެމަސައްކަތް ކުރައްވަނީ ޕާރޓީގެ ޓިކެޓް ލިބިލެއްވި އަދުނާނު ހަލީމު ދޫކުރައްވައި ޓިކެޓް ލިބިނުލެއްވި އަބްދުﷲ ތަސްމީނު އަބްދުލް ހަކީމް އާއިގެންނެވެ.

ނިމިގެންދިޔަ 2008 ވަނަ އަހަރުގެ ޑިސެމްބަރ 30 ވަނަ ދުވަހު ވިލިނގިލީ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވިދާޅުވީ ޔުޓިލިޓީ ކުންފުނި ހުންނާނީ ވިލިނގިލީގައި ކަމުގައެވެ. މިހެން ހިތައި ރައީސް ވަޑައިގެންނެވުމުން އެފަދަ އޮފީހަށް ނުވަތަ މިރަށުގައި އެންމެ ގިނަ އިދާރާތައް އެފުރާޅެއްގެ ދަށުގައި ހިންގުނު ބާ އަތޮޅުގެ އިމާރާތް އެކަމަށް ތައްޔާރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ މިސައިޓަށް މައުލޫމާތު ލިބިފައެވެ. އެކަމަކު އިހައްރޭ އެ ފެނުނީ ތިނަދޫގައި ޔުޓިލިޓީ ކުންފީނުގެ ދިދަ ކަޝްފުކޮށްދެއްވި މަންޒަރެވެ.

ހަމަ އެގޮތަށް 30 ޑިސެމްބަރުގައި ވިދާޅުވީ އަންނަ ޖަނަވަރީގައި ވިލިނގިއްޔަށް ޒިޔާރަތްކުރައްވާނޭ ކަމަށް ވިދާޅުވެފައި މެއި 2 ވަނަ ދުވަހު މިއަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި މިރަށާއި 10 މޭލު ކައިރިޔަށް ވަޑައިގެންފައި މިރަށަށް ވަޑައިނުގެން ދަތުރުފުޅުން ވަނީ ނިންމަވާލައްވައިފައެވެ.

މާރޗު މަހުގެ ތެރޭގައި 4 އޮސްޓްރޭލިޔާގެ ޓީޗަރުން ވިލިނގިއްޔަށް ފޮނުއްވައިދެއްވާނަމޭ ވިދާޅުވި އިރު އަދި އެދަންނަވާ ކަމަކީ އަދިވެސް ޚިޔާލެއްގެ ތެރޭގައި ވެފައިވާ ކަމެކެވެ. މިކަހަލަ ކަންތައް މިހެން ހުރުމުން ރައީސް ނަޝީދު އަޅުގަނޑުމެންނާއިގެން ގައުމުގެ ނައު ދަތުރު ކުރަނީ ރަގަޅު މިސްރާބަށް ކަމާއި ދޭތެރޭ ޝައްކެވެ.

 

މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް ވިދާޅުވުމަށް؛

ރައީސް ނަޝީދުގެ ވިލިނގިލީ ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅު (30 ޑިސެމްބަރ 2009)

މަތި ދެކުނު ޕްރޮވިންސްގެ ވިޔަފާރި ބަނދަރު (04 ޖެނުއަރީ 2009)

ރައީސް ނަޝީދުގެ ވައުދު / ފޮލޯއަޕް 1 (29 ޖެނުއަރީ 2009)

ލާމަރުކަޒީ އުސޫލުން ތިނަދޫއަށް ހުރިހާ ކަމެއް..، މިއަތޮޅަށް ކޯއްޗެއް؟! (02 ފެބުރުއަރީ 2009)

އެކަންތައްތައް ހާސިލު ކުރާނީ ކިހިނެތް؟! (10 މާރޗު 2009)

ރައީސް ނަޝީދު ގއ. އަށް ޒިޔާރަތްކުރައްވަނީ

( އަވަސް ހަބަރު؛ ދެރަހަ 1 މެއި 2009  )

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުވަދު އަތޮޅަށް ދަތުރެއް މިހަފްތާ ބަންދުގައި ކުރައްވާ ކަމަށް ވަނީ ޚަބަރު ލިބިފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިއަތޮޅުގެ ދެތިން ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ނަމެވެސް މިދަތުރުގައި އެމަނިކުފާނު ވިލިނގިއްޔަށް ވަޑައިގަންނަވާ ގޮތަކަށް ހަމަޖެހިފައި ނުވެއެވެ. ރައީސް މިއަތޮޅު ދަތުރަށް ތައްޔާރުވުމުގެ ގޮތުން އެއަރޕޯރޓްތަކުގެ ވާހަކަ ވަނީ މީގެ ދެދުވަސް ކުރިން ދައްކަވާފައެވެ. އަދިވެސް މިނޫން މިކަހަލަ ތައްޔާރީތައް ވަނީ ވެލައްވައިފައެވެ. މިއަދު މަޖިލީހުގެ ތަޅުމަށް ވިލިނގިލީ އެއަރޕޯރޓްގެ ވާހަކަ ވަނީ ގެންނަވައިފައެވެ. ޓްރާންސްޕޯރޓް މިނިސްޓަރާއި ސުވާލު ދެންނެވުމުން ވިލިނގިލީ އެއަރޕޯރޓްގެ މަސައްކަތް ލަސްނުވާނެ ކަމަށާއި ވިއްޔާ ވާނީ އަވަސް ކަމުގައެވެ. މިނިސްޓަރ މިހެން ވިދާޅުވި ކަމުގައި ވިޔަސް މިމަސައްކަތަށް ސަރުކާރުން އުފެއްދެވި ކުންފުނި ( އެމްޓީސީސީ، އެއަރމޯލްޑިވްސް އަދި ސަރުކާރު ހިއްސާވެގެން ) ގައި މިފަދަ ކަމަކަށް ބޭނުންވާ ފަދަ ރައުސުލްމާލެއް ނެތެވެ. ހަމަ އެހެންމެ މިކަމަށް އަދި އެއްވެސް އިންވެސްޓަރެއް ވަނީ ނުލިބިފައެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ވިލިނގިއްޔަށް ޒިޔާރަތް ނުކުރައްވަނީ ކީއްވެގެންތޯ ބަލައިލާން އެބަޖެހެއެވެ. މިކަމުގައި ސަބަބުތަކެއްވެސް އެބަވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ފާހަގަކޮށްލާނީ މަޖިލީހަށް ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ފަރާތަކީ އެމްޑީޕީން ބޭނުންވާ ފަރާތަށް ނުވެފައި އެފަރާތުން ހޮއްވަވަން ބޭނުންފުޅު ވަނީ އެހެން ބޭފުޅަކު ކަމުގައި ވުމެވެ. އެހެނީ މިވަގުތު ސަރުކާރު ފަރާތުން މިދާއިރާއަށް ހާއްސަކަމެއް ކޮށްދެއްވައި ރުހުން ލިބިގަތުމަކީ އެމްޑީޕީ ޓިކެޓަށް ދާއީދު އިތުރުވެދާނެ ކަމަށް ކަމުގައި ފެންނާތީއެވެ. ދެން އޮތް ކަމަކީ އެއަރޕޯރޓް ކަންތަކުގައި 30 ޑިސެމްބަރ 2008 ވަނަ ދުވަހު އެމަނިކުފާނު ވިދާޅުވި ބަސްފުޅެވެ. އަދި ހަމަ އެދުވަހު އެމަނިކުފާނު ވިދާޅުވި ބޭރުގެ ޓީޗަރުން އެޕްރީލް މަސް ނިމުނު އިރު ވެސް އެދެންނެވި ޓީޗަރުން ފޮނުވިފައި ނެތުމެވެ. ހަމަ އެދުވަހު އެމަނިކުފާނު ވިދާޅުވި ޔުޓިލިޓީ ކުންފުނި އަދިވެސް ދުނިޔެއަށް ނޭވާލާން ފެށިފައި ނެތުމެވެ. ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވި ގިނަ ކަންތައް، އުފާވެރި ޚަބަރުތައް އަދިވެސް އޮތީ ހުވަފެނެއްގެ ގެތޭގައި ކަމެވެ. މިފަދަ ސުވާލުތައް ކުރިމަތިވެލައްވާނެ ކަން އެނގިލައްވާތީ މިދަތުރުގައި އެމަނިކުފާނު ވިލިނގިއްޔަށް ޒިޔާރަތެއް ނުކުރައްވާނެއެވެ.